މެންބަރުކަމުން ވަކިކުރަން ނިންމާފައިވަނިކޮށް، ބްރޯޑްކާސްޓިގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުން އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާން އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކޮމް އިން ސޮފްވާން އިސްތިއުފާ ދެއްވައި މިއަދު ރަައްޔިތުންގެ މަޖިލީހުގެ ރައީސަށް އިސްތިއުފާގެ ސިޓީ ފޮނުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ ވަކިކުރަން އިއްޔެ ނިންމައި މަޖިލީހުގެ ތަޅުމަށް އެ މައްސަަލަ ފޮނުވާފައި ވަނިކޮށެވެ.
މަޖިލީހަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސޮފްވާން ވިދާޅުވެފައިވަނީ، ވަޒީފާއަށް ހާޒިރު ނުވެ ގިނަ ދުވަސްތަކެއް ވެފައިވަނީ، ދިގު މުއްދަތަކަށް ސިއްހީ ފަރުވާއެއް ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
ބްރޯޑްކޮމް އިން އޭނާ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ނިންމިއިރު އެ ކޮމިޓީގައި މެންބަރުން ފާހަގަ ކުުރި ކަންބޮޑުވުންތަކާބެހޭގޮތުން، ސިޓީގައި ސޮފްވާން ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުރެ އެއްވެސް ނުފޫޒެއް އެއްވެސް މެންބަރަކަށް ފޯރުވާފައި ނުވާނެ ކަމަށާއި، އަމިއްލަ މަސްލަހަތު އިސްކޮށްގެން އެއްވެސް މައްސަލައެއް ނިންމާފައި ނުވާނެ ކަމަށެވެ.
އަދި ދިގުމުއްދަތަކަށް އޭނާ ކޮމިޝަނަށް ހާޒިރު ނުވި މައްސަލަ ސާފު ކުރަން\ ބްރޯޑްކާސްޓިގ ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ސޮފްވާން ދިގު މުއްދަތެއް ވަންދެން ހޯއްދެވީ ކޮން ސިއްހީ ފަރުވާއެއްކަމެއް ވިދާޅެއް ނުވެއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ނިންމިއެވެ.
ނަމަވެސް އެ މައްސަލަވެސް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް، ހަސަން ލުތުފީ މިއަދު ވަނީ އިސްތިއުފާ ދެއްވައިފިއެވެ.