ގާސިމް އިބްރާހިމް

އިންސާފު އަރައި ހަމަކުރަންޖެހޭނީ އެއްވެސް މީހަކާދޭތެރޭ ހަސަދަވެރިކަމެއް ރުޅިވެރިކަމެއްނެތި: ގާސިމް

އިބްރާހިމް ޒަކީ

ކޮންމެ މަގާމެއްގައި ކޮންމެ މީހަކު ހުއްޓަސް އިންސާފުވެރިކަން އެމީހަކާ އަރައި ހަމަކުރަންޖެހޭނެ ކަމަށާއި، ނަމަވެސް އެކަން ވާން ވާނީ އެކަމުގައި އެއްވެސް މީހަކާދޭތެރޭ ހަސަދަވެރިކަމެއް، ރުޅިވެރިކަމެއްނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަންތައްތައް ބަލައި ފިޔަވަޅުއެޅުން ލަސްވަމުންދާ ކަމަށްބުނެ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނަމަވެސް އިންސާފު ހޯދައިދިނުން އެއް އުސޫލަކުން އެ ކަންކަން ބެލިގެންދާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ގާސިމް ވިދާޅުވީ، ދިވެހި ދައުލަތުން ހިޔާނާތް ވެފައިވާ ކޮންމެ މީހަކަށްވެސް އަދުލު އިންސާފު ކުރެވިގެން ދިޔުމަކީ ގާނޫނުއަސާސީ އާއި ގާނޫނާއި އަދި އިސްލާމް ދީނުގަިއ ކަނޑައަޅާފައިވާކަމެއްކަމަށެވެ. އަދި އެބާވަތުގެ ކަންކަން ލަސްވެ ފަސްްވެގެންދިޔުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަކީވެސް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބަޔަކަށް ވީހިނދު، އަދި ހަމަ އެހެންމެ ފަނޑިޔާރުންނަކީވެސް، ތަހުގީގުކުރާ ހުރިހާ ފަރާތްތަކެއްގައި ތިއްބެވި ބޭފުޅުންނަކީވެސް މިފަދަ ބަޔަކަށްވީ ހިނދު އެތައް މިލިޔަން ރުފިޔާއެއްގެ ވާހަކަ ދެކެވެމުންދާއިރު އަޅުގަނޑުމެން އެކަމަށް ބަލައި ނުލެވި، އަޅައިނުލެވި ތިބެގެން ނުވާނެ ކަމަށް އަޅުގަނޑު ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ކޮންމެ މީހަކުވެސް ބަންދު ވެގެން ތަހުގީގެއް ކުރެވިގެންދާއިރު، އެމީހަކާ މެދުގައި ގާނޫނާއި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކީ އެކަން ކުރެވިގެންދިއުން، މުހިއްމު ކަމަށެވެ.

"އަނިޔާއަކަށް ނުހިމެނޭގޮތަށް އެކަން ކުރެވިގެންދިޔުން އެއީ އަޅުގަނޑު ދަންނަވަން ބޭނުންވެގެން މިއަުޅޭ ވާހަކައަކީ،" ގާސިމް ވިދާޅުވިއެވެ.