ސުޕްރީމް ކޯޓް

މެންބަރު އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މެންބަރު އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި އިރު މިއަދު ހެނދުނު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ ގޮނޑި ވެސް ނުގެއްލޭކަމަށް ހުކުމްކޮށްފައެވެ.

ދެން މިއަދު އޮންނާނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުމެވެ.

މި ހުރިހާ މެންބަރުންނަށް ވެސް ހުކުމް އިއްވުން ކުރިއަށް ގެންދިޔައީ ވަކިވަކީން ބާއްވާ މަޖިލިސްތަކެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެފައިވާނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުން ކަނޑައެޅުމާ ގުޅިގެންނެވެ.