އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، ސަރުކާރަށް ދައްކަންޖެހޭ ފައިސާތަކެއް އޮތްކަށާއި ޖާބިރު ވަނީ ސަރުކާރަށް ދަރައި ކަމަށްބުނެ ދައްކާ ވާހަކަ ތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގައިދިޔަ ގާނޫނު އަސާސީ އާއި ޚިލާފު ކަންކަމާއި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ސަރުކާރަށް ދަރާއޮތްކަމަށް މީޑިއާތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައިދޭން ސަރުކާރުގައި އެދުނުތާ ހަތްމަސްދުވަސް ވެއްޖެ ކަމާއި އަދިވެސް އެމައްސަލަ ބެލިފައި ނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ދައުލަތަށް ބިލިއަނެއްހާ ރުފިޔާއަށް އޭނާ ދަރާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެގޮތުން ރިސޯޓު ހަދަން ޖާބިރަށް ދޫކުރި ގއ. ވަޓެވައްރެހާގެ ކުލީގެ ގޮތުގައި، އަދި ކުލި ނުދައްކައިގެން ޖޫރިމާނާގެ ގޮތުގައި ޖުމްލަ ގާތްގަނޑަކަށް 440 ވަރަކަށް މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ޖާބިރުގެ މިލްިކިއްޔާތުގައި އޮތް އަލިދޫ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާކަން ވެސް ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް އަނިޔާ ލިބިވަޑައިގެން އެއްބޭފުޅަނީ އޭނާ ކަމަށާއި އޭނާގެ މުދާ ސަރުކާރަށް ނެގުމާއި ފުރަން ބޯޓަށް އަރުއްވައި އިންނަވަނިކޮށް، ޕާސްޕޯޓް ކެންސަލް ކުރުންފަދަ ކަންތައް ކޮށްފައިވާ ކަމަށެވެ.
ޖާބިރު ވަނީ ރައީސްގެ ޔާމީންގެ ސަރުކާރުން ހިނގާދިޔަ ކަންކަން ރަނގަޅަށް ބަލައި ރައީސް ޔާމީން ހައްޔަރު ކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ.