ބޮލީވުޑްގެ ބާދްޝާގެ ނަމުން މަގުބޫލު ކަން ހޯދާފައިވާ ޝާހުރުކް ޚާން އެންމެ ފުރަތަމަ ޑެބިއު ފިލްމަށްފަހުވެސް ވަނީ ގިނަ ސުޕާ ހިޓް ފިލްމުތަކެއް ގެނެސްދީފައެވެ. ސިނަމާގައި ހީރޯގެ ރޯލު ކުޅޭ ބަތަލުން ވިލަންގެ ބައި ނުކުޅޭން އުޅުނު ދުވަސްވަރު ޝާހު ވަނީ އެތައް ފިލްމެއްގައި އެންޓި ހީރޯ ނުވަތަ ނެގަޓިވް ރޯލުތައް ކުޅެފައެވެ.
ޝާހު ބޮޑަށް މަޝްހޫރު ވެފައިވަނީ ލޯބީގެ ފިލްމުތަަކަށެވެ. އޭނަގެ އެންމެ މަގުބޫލު ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ ކަބީ ހާން ކަބީ ނާއެވެ. އެ ފިލްމަކީ ކުންޑަން ޝާހުގެ ފިލްމެކެވެ. ބެލުންތެރިންގެ އިތުރުން އެފިލްމަކީ ޝާހުއާވެސް އެހާ ގުޅިފައިވާ ފިލްމެކެވެ. އެތައް އިންޓަވިއުއެއްގައި ޝާހު ވަނީ އެއީ އޭނާގެ ފޭވަރިޓް ފިލްމުކަމަށް ބުނެފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ރީމޭކެެއް ހެދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ އެކްސްކްލޫސިވް ރައިޓްސް އޮތީ ޝާހު އަތުގައިކަމުން ފިލްމު އުފައްދާ ގިނަ މީހުން އެ ފިލްމުގެ ރައިޓްސް ގަތުމަށް އެދެމުން އަންނަ ކަމަށް ވެއެވެ.
ނަމަވެސް އެ ފިލްމުގެ ރައިޓްސް ވިއްކުމުގެ ހިޔާލު ޝާހެއް ނުގެންގުޅެއެވެ. އަދި އޭނާ ބޭނުން ވަނީ އެ ޓީމުން ފިލްމު ކަބީ ހާން ކަބީ ނާ ގެ ވެބް ވާޝަނެއް ނެރުމަށްކަމަށްވެއެވެ. އަދި މި ވާޝަންގައި ޝާހުވެސް ފެނިގެން ނުދާނެ ކަމަށްވެއެވެ. ފިލްމުގެ ކާސްޓުންނަށް ފެނިގެން ދާނީ ޒުވާން ތަރިންތަކެއްކަމަށް ވެއެވެ.
ޝާހުއާ ގާތް މީހަކު ބުނި ގޮތުގައި އެ ފިލްމު އުފެއްދުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ރަސްމީކޮށް އަދި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނުވެއެވެ. ޝާހުގެ ޕްރޮޑަކްޝަން ހައުސްއިން އަދި ވަކި ގޮތެއް ނުނިމޭއިރު އެމީހުންވެސް އިތުރު ދިމާތަކަށް ފުޅާކުރުމަށް އަންނަނީ ވިސްނަމުންނެވެ.
ރެޑް ޗިލީސް އެންޓަޓެއިންމަންޓުން މިވަގުތުވެސް ދެ ވެބް ސީރީޒެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.