ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ބޭސްފަރުވާގެ ކަންކަން ފުރިހަމަނުވާތީ، އޭނާ ޖަލުން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭސްފަރުވާއަށް އަދީބު ބޭރަށް ފޮނުވާފައިވާ މުއްދަތުގައި ބޭސްފަރުވާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިނުވާތީ، ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ޖަލުން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އޭނާގެ އާއިލާއިން އެދިފައިވާ ކަމަށެވެ.
ވަކިން ހާއްސަކޮށް ކެންސަރު ސްކްރީނިންގްއެއް ހެދުމަށް ޑޮކްޓަރު ދީފައިވާ ލަފައާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް މިއަދު އަދީބުގެ އާއިލާއިން އެދިފައިވާތީ، ބޭސްފަރުވާގެ ބޭނުންމަށް ވަގުތީ ގޮތުން އަދީބު ޖަލުން ދޫކޮށްފައިވާ މުއްދަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.
އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭރު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފައިވަނީ މާދަމާ އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށެވެ.
އަދީބު ބޭސްފަރުވާއަށް ފުރާފައިވަނީ ކަރެކްޝަންސްގެ ތިން އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ. އަދީބު ބޭސްފަރުވާއަށް ފުރުމުގެ ކުރިން ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ހާއްސަ ޓީމެއް ވެސް ވަނީ އިންޑިއާއަށް ގޮސްފައެވެ. އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެކަމުގެ ކަށަވަރުކަމާ އެކުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް، ވަގުތީ އަމުރަކަށް އެދިފައިވުމުން، ސުޕްރީމް ކޯޓުން ވަނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އިއްޔެ އަމުރެއް ވެސް ނެރެފައެވެ.