ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން އެގޮތަށް ހުކުމްކޮށްފައިވާ އިރު އެ ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ޕީޕީއެމް އިން ވަކިވުމަށް މިދިޔަ އަހަރުގެ ޖުލައި 10ގައި އަބްދުﷲ އަހުމަދު ސިޓީ ލާފައިވާ ކަމަށެވެ.
ޕީޕީއެމް އިން ވަކިވުމަށް އަބްދުﷲ އަހުމަދު ސިޓީ ހުށަހަޅުއްވާފައިވާ ކަން ޖުލައި 13 ގައި އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އަންގާފައި ކަމަށް ހުކުމްގައި ބުނެއެވެ.
ނަމަވެސް ޕީޕީއެމް އިން ވަކިކޮށް އެކަން އިލެކްޝަންސް އަށް އަންގާފައި ވަނީ މިިދޔަ އަހަރުގެ އޮގަސްޓު މަހުގެ 28ގައެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން އަންގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހެއްގައެވެ.
ސުޕްރީމް ހުކުމުގައި ބުނެފައި ވަނީ ގާނޫނީ ގޮތުން އޭނާ އެ ޕާޓީން ވަކިވި ކަމަށް ބެލެވޭނީ ޕީޕީއެމްއިން ވަކިވުމަށް އޭނާ ސިޓީ ލީ ތާރީހު ކަމުގައިވާ، 10 ޖުލައި ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެމްބަރު އަބުޅޯއަށް ދިމާވެފައި ނުވާ ކަމަށް ހުކުމްގައި ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރައްވައިފައިވާ އިރު، އޭނާގެ އިތުރުން އިތުރު ތިން މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުން ވެސް މިއަދަށް އޮތީ ތާވަލުކޮށްފައެވެ. އޭގެތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މިހާރު ހުކުމް އިއްވުން އޮތީ ހަމައެކަނި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.