އައްޑޫ ސިޓީ ހުޅުމީދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި މި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނިގޮތުގައި މިމަހުގެ 23 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށް މި މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 104 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހު ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެން މީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 43 އަހަރުގެ މީހާއަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
އަދި 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.