ރައްޔިތުންގެ މަޖިލިސް

ބާ ކައުންސިލް އުފެއްދުމުގެ ބިލް މަޖިލީހުން ފާސް ކޮށްފި

އިބްރާހިމް ޒަކީ

ވަކީލުންނާބެހޭ ހުރިހާކަމެއް ކުރުމަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެއްދުމަށް ހުށަހެޅި "ގާނޫނީ ފަންނުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސް ކޮށްފައިވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލުގައި ވާގޮތުން ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެމީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި، ހައްގު ތަކާއި އިމްތިޔާޒުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ތަމްރީނުދީ ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުމަށް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލެއް އުފައްދަންޖެހެއެވެ.

ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ސަސްޕެންޑް ކުރުމާއި ގާނޫނީ ވަކީލުކަން ކުރުމުގެ ބާރު ޝަރުއީ ނިޒާމަށް މިހާރު ލިބިފައި އޮތް ނަމަވެސް މި ގާނޫނު ބުނާގޮތުން، ބާ ކައުންސިލް އުފެދުމުން މި ހުރިހާކަމެއް ކުރިއަށް ގެންދާނީ އެކައުންސިލުންނެވެ. މިގާނޫނުން ބިދޭސީ ވަކީލުން ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭނީވެސް އެ ކައުންސިލުންނެވެ.

"ގާނޫނީ ފަންނުގެ ބިލް" އާބެހޭގޮތުން، އިމްތިޔާޒު ފަހުމީ ވިދާޅުވީ، މި ގާނޫނުން ބިރުވެެރިކަމެއް ނެތި މިނިވަން ކަމާއެކު ވަކާލާތު ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ގާނޫނީ ވަކީލުން މިނިވަން ކުރުމުގެ ގާނޫނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.