ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

އިބްރާހީމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓާ، އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ދިރސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސް ކޮށްފިއެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރަން ޖެހޭކަމަށް ކަނޑައަޅައި އެ ކޮމިޝަނުން މަޖިލީހަށް ފޮނުވާ ފައިވާ މައްސަލައެކެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލައަކީ، މީގެ ހަ އަހަރު ކުރިން 2013 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އަދި މި މައްސަލަ ބަލައި ޖޭއެސްސީން މައްސަލަ ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައި ކަމަށާއި، މި މައްސަލަ މަޖިލީހަށް ފޮނުވަން ނިންމީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުމުގައި ބައިވެރިވެ ވަޑައިގެން މެންބަރުންގެ އިއްތިފާގުން ކަމަށް، އެ ކޮމިޝަންގައިވެސް ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ އޭނާ އުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަ ގެއެއްގައި އުޅޭ އަންހެނަކާ ހުތުރުބަހުން ޒުވާބުކުރި މައްސަލައަކާގުޅިގެން ހުށަހެޅުނު ސުލޫކީ މައްސަލައެއްް ބެލުމަށް ފަހުގައެވެ.

ފަނޑިޔާރުންގެ ފެންވަރު ބެލުމާއި، ސުލޫކީ މައްސަލަ ބެލުމުގެ ޒިންމާ ގާނޫނުން ޖޭއެސްސީއަށް ލިބިގެންވިޔަސް ފަނޑިޔާރުން ވަކިކުރުމުގެ ބާރު ގާނޫނުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އިބްރާހީމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު އެ މައްސަަލަ އިތުރަށް ދިރާސާ ކުރުމަށް ފެންނާތީ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓިއަށް ފޮނުވަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ.

އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.