އިސްލާމީ ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީއަކީ ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
އިސްލާމީ ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދެމުން އަންނަ މުހިންމު ދެ މައައްސަސާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިންމު ދެ މުއައްސަސާ. މި ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ،" އިސްލާމިކް މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ އިސްލާމިކް ޔުނިވަސިޓީއެއް ވަކީން ހިންގުމަށް ވުރެ، ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެކަން މާރަނގަޅަށް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމަށް އެތައް ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. ހިސާން މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.