މުހައްމަދު ޝިފާޒު

އެންމެ ބޮޑު ބޭއިންސާފެއް ހިނގީ ރައީސް ނަޝީދުގެ މައްޗަށް: ޝިފާޒު

މުހައްމަދު އައުޒަމް

2

ރާއްޖޭގައި އެންމެ ބޮޑު ބޭއިންސާފެއް ހިނގީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ނުލިބެނީސް އިންސާފުގެ ވާހަކަ ދެއްކޭކަށް ނެތް ކަމަށެވެ.

އެންމެ ބޮޑު ބޭއިންސާފަށް އިންސާފު ނުލިބޭހާ ހިނދު، ހަމަގައިމުވެސް އަޅުގަނޑަކަށް އިންސާފުލިބޭ ކަމުގެ ވާހަކައެއް ނުދެއްކޭނެ،" ޝިފާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމައިދިނުމަށް ވެސް ޝިފާޒު ވަނީ ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ އދ. ގެ ވޯކިން ގްރޫޕުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޝިފާޒް ވިދާޅުވީ ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބޭއްވީ އެދުވަހަކީ މަސައްކަތްތެރިންގެ ދުވަހަށްވެގެން ނޫން ކަމަށާއި ރައީސް ނަޝީދު ޖަލަށްލާފައި ވާތީ ކަމަށެވެ.

"އެ މުޒާހާއަށް 99 ޕަސެންޓު މީހުން، އަޅުގަނޑު ކެރިހުރެ މިދަންނަވަނީ ނުކުތީ ރައީސް ނަޝީދު މިނިވަންކުރުމަށް އަޑުއުފުލުމަށް،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް ނޮވެމްބަރު ތިން ވަނަ ދުވަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށް ކަމަށެވެ. އަދި އެއަށްފަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމަށްފަހު އަނެއްކާވެސް ރައީސް ނަޝީދު އަތޮޅުތަކަށް ދަތުރުފުޅުތައް ފައްޓަވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ހަމަގައިމުވެސް ރާއްޖޭގެ ރައްޔިތުންނާ ދުރަކުއެއް އެމަނިކުފާނު ނުހުންނާވާނެ. ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރު އެމަނިކުފާނު ހޯއްދަވައިދެއްވާނެ،" ޝިފާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ރައީސް ނަޝީދު ކުރެއްވި މަސައްކަތުގެ ކާމިޔާބީ ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅީ އެ ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ސުޕްރީމް ކޯޓާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟