ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކުރަނީ

ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ޒިޔާރަތްކުރުމަށް ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން ކުރި ޓުވީޓެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި، ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ، 14އ، ގެއްލުނު މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހު އެ ކުއްޖާ ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމަށް ފުލުހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ކުއްޖާ ގެއްލުނު ހާދިސާއާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށާއި އެ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓުތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފުތަރު ކުރެވިފައިވާ ކުއްޖެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.