ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވައި، ކޮތައިފަރުގައި އާސާރީ ތަންތަން ހުރުމާއެކު ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެރަށުގެ ކޮންސެޕްޓް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮތައިފަރުގައި ރިސޯޓު ހެދުމަށް ދޫކުރި ފަހުން މިސަރުކާރުން އެރަށް ބެލިއިރު، މިހާތަނަށް ރާއްޖޭގެ އެއްވެސް ރަށަކުން ފެނިފައި ނުވާފަދަ އާސާރީ ބިނާތައް ފެނިފައިވާ ކަމަށެވެ.
އެގޮތުން ކޮތައިފަރުގެ ބައެއް ތަންތަން ކޮނެގެން ބެލި އިރު ރާއްޖޭގެ އެންމެ ގަދީމީ އާސާރީ ތަންތަން ފެނިފައި ހުރީ އެރަށުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހެރިޓޭޖު މިނިސްޓްރީއާއި އަދި ރަށް ދޫކޮށްފައިވާ ފަރާތާއެކު މަޝްވަރާކުރުމަށްފަހު ކޮންސެޕްޓް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާސާރީ ތަންތަން ހިމާޔަރްކޮށްގެން ރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި އާސާރީ ތަންތަނަށް ގެއްލުންވާ ގޮތަށް އެއްވެސް ރަށެއްގައި ރިސޯޓު ހަދަން ހުއްދަ ނުދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރަން ކުއްޔަށް ދީފައިވަނީ އޮރިއެންޓް ރޯޒް ކިޔާ ކުންފުންޏަކަށެވެ. ފަހުން އެކުންފުނިން އެ ރަށް ވިއްކާލީ މޮމެންޓަމް ކިޔާ ކުންފުންޏަކަށެވެ. އެހެންކަމުން ރިސޯޓް ތަރައްގީ ކުރާނީ މޮމެންޓަމްއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިބައްދަލުވުމުގައި ކޮތައިފަރުން ފެނުނު އާސާރީ ތަންތަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސިޓް، އަލާ ދީދީ ވިދާޅުވީ ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ކޮތައިފަރަކީ 1648 ގައި ފަޅުވެފައިވާ ރަށެއް ކަމަށެވެ. މީހުން ދިރިއުޅުނު ރަށެއްކަން އެނގޭނެ ވަރަށް ގިނަ ހެކި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެރަށުން ފެނުނު އާސާރީ ސަރަހައްދުގައި ހުރި ތަކެއްޗަކީ 500 އަހަރަށް ވުރެ ގިނަ ދުވަސްވީ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އޭގެ ތެރޭގައި ދުވަސްވީ ގަބުރުސްތާނަކާއި ޗައިނީޒް ބުޑިސްޓް ސިމްބަލް އަކުން ކަނޑާނަގާފައި ހުރި މަހާނަ ގަލެއް ހިމެނޭ ކަމަށް އަލާ ވިދާޅުވިއެވެ. އަދި ބުދު ދީނުގެ ޒަމާނުގައި ކަނޑާ ނަގާފައިވާ ސްލެބަކާއި އާސާރީ ސިޑި ބަރިއަކާއި ދެ މިސްކިތެއްގެ ތަރާގަނޑާއި، ވެވެއްގެ އިތުރުން ދެ ޒިޔާރަތެއްވެސް ފެނިފައިވެއެވެ.