އިބްރާހިމް ޒަކީ
ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މަޖިލީީހަށް ބަލައިގަނެ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓު ދެއްވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާިއރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި މި ބިލުގައި، ވަނީ ޕެންޝަން ފަންޑުގެ ފައިސާގައި ހައްޖަށްދާން ބޭނުންވާ ފަރާތްތަކަށް، ހައްޖަށް ދާން ކަނޑައަޅާފައި އޮންނަ އަގުގެ 50 ޕަސެންޓް 80 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
ފަރުޟު ހައްޖު ކުރުމަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހައްޖަށް ދިޔުމުގެ އުސޫލު އެކުލަވައިލައި، ޕެންޝަން އޮފީހުން ގެޒެޓު ކުރި އިރު އޮތީ ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ 50 ޕަސެންޓު އެ ފަންޑުން ލިބޭ ގޮތަށެވެ. އެ މައްސަލައިގައި ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއްސަބަބަކީ ދެބައިކުޅަ އެއްބައި ބޭނުން ކުރެވޭ ގޮތަށް އުސޫލުގައި ހިމަނާފައި އޮތުމެވެ.
އަނެއް މައްސަލަ އަކީ ވަރަށް ބޮޑު އަދަދެއް ފަންޑުގައި ހުންނަ މީހުންނަށް ނޫނީ ހައްޖަށް ދިޔުމަށް ފަންޑުން ބޭނުން ނުކުރެވޭ ގޮތަށް އުސޫލު ހަދާފައި އޮތުމެވެ.