ޝަހީދާ އަބްދުﷲ ސައީދު
ދިވެހިންގެ ފަޚުރެއް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފުހެލުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވާފައި ވަނިކޮށް، އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފުހެލުމުގެ ފުރަތަމަ ފިޔަވަޅު އަޅާފައިވާ ކަމަށާއި މިއީ މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ކަމަށެވެ.
އަދި 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައިވެސް ދިމާކުރީ އަރަބި އިސްލާމީ ތައުލީމު މިގައުމުން ފުހެލަން ކަމަށާއި އެފަހަރަކު އެކަމެއް ނުވި ކަމަށް ވިދާޅުވިއެވެ.
އިތުރު ޓުވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އިސްލާމީ ޔުނިވާސިޓީގެ ނަމުގައި ޔުނިވާސިޓީއެއް ހުރުމަކީ އެގައުމެއްގެ އިސްލާމީ ޝަޚުސިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.
އަދި ގައުމެއްގެ ނިސްބަތުން އެގައުމެއްގެ ހައިބަތާއި ކަރާމާތް ހިފެހެއްޓުމަކީ ގައުމިއްޔަތުގެ އެންމެ މުހިންމު އަސާސް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.