ރައްޔިތުންގެ މަޖިލިސް

ނާޒިމުގޭގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުންވަދެ ހިންގި ކަންތައްތައް ނުބަލަން މަޖިލީހުން ނިންމައިފި

އިބްރާހިމް ޒަކީ

ދެހާސް ފަނަރަވަނަ އަހަރު، އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގޭގެ ދޮރު ހަލާކު ކޮށްލައިގެން ފުލުންވަދެ ބައެއް ތަކެތި ގެންދިޔަ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ނުބަލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކާނަލް ނާޒިމާ ބެހޭ ދެ މައްސަލައަކާ ބެހޭގޮތުން ކޮމިޓީން ހުށަހެޅި ރިޕޯޓް އެގޮތަށް ފާސްކޮށްގެންނެވެ.

ކޮމިޓީން ހުށަހެޅި ރިޕޯޓްގައި ވާ ދެ މައްސަލައިގެ ތެރޭގައި ހިމެނެނީ، ނާޒިމް، ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް، އޭނާ ދިރިއުޅުއްވާ ގޭގެ ދޮރާއި އެޕާޓްމަންޓުގެ ދޮރުތައް ހަލާކުކޮށްލައިގެން 2015 ވަނަ އަހަރުގެ 18 ޖެނުއަރީ 18ވަނަ ދުވަހުގެރޭ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންތަކެއް ވަދެ، ބައެއް ތަކެތި ގެންދިޔަ މައްސަލަ ބެލުމަށް ހުށަހަޅާފައިވާ މައްސަލަ އަކާއި، ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކޮށް، ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލަ ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަތަކާ ބެހޭގޮތުން ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލަައިގައި، ނާޒިމް މިހާރު މިނިވަންވެފައިވުމާއި، އެ މައްސަލަ ފުލުހުން ބަލަމުން ގެންދާތީ، އެ ދެ މައްސަލަވެސް ކޮމިޓީން މިހާރު ބެލުމުގެ ބޭނުމެއް ނެތްކަމަށް ކޮމިޓީގެ މެންބަރުންގެ އިއްްތިފާގުން ފާސްކޮށްފައިވާަ ކަމަށެވެ.

އެހެންކަމުން މި ރިޕޯޓަށް ވޯޓު ދެއްވި 65 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.