ޝަހީދާ އަބްދުﷲ ސައީދު
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އައިޔޫއެމްގެ މިސްރާބު ކަސިޔާރުވެ، ހަރުކަށި ފިކުރާ ދިމާއަށް މިސްރާބު ޖަހައިފާނެ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރު، އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އައިޔޫއެމްގެ އެންމެހާ ވެރީންވެސް ރައީސް އައްޔަން ކުރައްވާ ގޮތަށް އޮތުން ކަމަށެވެ.
ޝަހީމު މިފަދައިން ޓުވީޓު ކުރައްވައިފައި މިވަނީ، އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެންނަން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ގިނަ މެންބަރުން ތާއީދުކުރައްވައި، މިއަދުގެ ޖަލްސާގައި ވާހަކަދައްކަވާފައިވަނިކޮށެވެ.
އިސްލާހުގައިވާ ގޮތުން ޔުނިވަސިޓީގެ އިސް ވެރިންގެ ގޮތުގައި ހިމެނެނީ ޔުނިވަސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުންނެވެ. އެމީހުންގެ ތެރެއިން ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައިވެއެވެ.
މިބިލަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގައުމީ ޔުނިވާސިޓީއަކީ ވެސް އިސްލާމިކް ޔުނިވާސިޓީއެއް ކަމަށެވެ. އެހެންކަމުން ވަކިން އިސްލާމިކް ޔުނިވާސިޓީއެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.
އަދި އިސްލާމިކް ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީ އެއްކޮށްލައި އެއް ފުރާޅެއްގެ ދަށަށް ގެންދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.