އިބްރާހިމް ޒަކީ
ދައުލަތުގެ ޕެންޝަން ފަންޑަށް މިހާތަނަށް 7.4 ބިލޔަން ރުފިޔާ ޖަމާވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ފެށިފަހުން، ޕެންޝަން ފަންޑާބަހޭ މައުލޫމާތު މެންބަރުންނާ ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑަށް މިހާތަނަށް 7.4 ބިލިޔަން ރުފިޔާ ޖަމާ ކުރެވިފައިވާއިރު، އޭގެ ތެރެއިން 4.1 ބިލިޔަން ރުިފޔާ އަކީ، އަމިއްލަ ފަރާތްތަކުން (ޕްރައިވެޓް ސެކްޓަރ)އިން ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ. އަދި 3.3 ބިލިޔަން ރުފިޔާއަކީ، ޕަބްލިކް ސެކްޓަރުން ޖަމާކޮށްފައިވާ ފައިސާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޕެންޝަން ފަންޑަށް މަހަކު މިހާރު ވަންނަނީ 80 މިލިޔަން ރުފިޔާ ކަމަށާއި، ކޮންމެ މަހަކު އެފަންޑުން 82 މިލިޔަން ރުފިޔާ ނިކުންނަ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެފައިސާ ފަންޑުން ނިކުންނަނީ ކޮން ކަންތައްތަކަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހައްޖަށް ދިޔުމުގެ އުސޫލު އެކުލަވާއިލައި، ޕެންޝަން އޮފީހުން ގެޒެޓު ކުރި އިރު އޮތީ ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ 50 ޕަސެންޓު އެ ފަންޑުން ލިބޭ ގޮތަށެވެ. ނަމަވެސް މިހާރު ބިލް ހުށަހަޅާފައި މިވަނީ އެ އަދަދު 80 ޕަސެންޓަށް އިތުރު ކުރުމަށެވެ.