ޕޮލިސް

ގެއްލުނު 14 އަހަރުގެ ކުއްޖާގެ މައްސަލަ: ހިޔާގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުން

ވިލިނގިލީގައި ހުންނަ ކުޑަކުދީންގެ ހިޔާގައި ހުއްޓާ، ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ، 14އ، މި މަހުގެ 18 ވަނަ ދުވަހު ގެއްލިފައިވާ އިރު، އެ އިމާރާތުގެ ސެއުރިޓީ ބަލަހައްޓަނީ ފުލުހުންކަން "ވަން އޮންލައިން" އަށް އެނގިއްޖެ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުން ހިންގި ރެއިޑެއްގައި، ކުށުގެ ވެށީގެ ތެރެއިންނެވެ. އެ ކުއްޖާ ބަހައްޓާފައި ހުރީ ކުޑަކުދީންގެ ހިޔާ ބިލްޑިންގުގައި ހުންނަ "އަމާން ހިޔާ"ގައި ވަކީންނެވެ.

ކުޑަކުދީންގެ ހިޔާގައި ހުންނަ "އަމާންހިޔާ"ގައި އެ ކުއްޖާ ބަހައްޓާފައި ހުރީ ފުލުހުން "އެސެސްމެންޓް" އެއް ހެދުމަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ކުއްޖާ ކުޑަކުދީންގެ ހިޔާގައި ބެހެއްޓީ ގާނޫނީ ގޮތުން ބަލާ އިރު، އެ އުމުރުގެ ކުއްޖެއް ހައްޔަރުކޮށްފައި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހުރަސްތަކެއް ހުރުމުން ފުލުހުން އެދިގެން ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، މިކަން ޔަގީންވާ ގޮތެއް ނުވި އެވެ.

ކުޑަކުދީންގެ ހިޔާގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންކަން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިބްރާހީމް އަހުމަދު ވެސް ވަނީ "ވަން އޮންލައިން" އަށް ޔަގީންކޮށްދެއްވައިފަ އެވެ. އެހެން ނަމަވެސް ޑިއުޓީގައި އެއް ފަހަރާ ތިބެން ޖެހެނީ ކިތައް ފުލުހުންތޯ ސުވާލު ކުރުމުން އިބްރާހީމް ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުއްވުމަށެވެ.

ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިގެން ކުރިޔަށް ގެންދާ އިރު، ކޯޓު އަމުރުގެ ދަށުން ބަޔެއް ގޭގެ ވެސް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ އެ ކުއްޖާ އަދި ވެސް ފެނިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި، ކުއްޖާ ގެއްލިގެން ހޯދި އިރު، އޭނާ ގެއްލުނީ ކޮން ތަނެއްގައި ހުއްޓައިކަން ޖެންޑާ މިނިސްޓްރީން ވެސް އަދި ފުލުހުން ވެސް ކުރީން، އޮތީ ސިއްރުކޮށްފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދާ އިރު، މި ދުވަސްވަރަކީ ކުޑަކުދީންގެ ހިޔާގައި ބައެއް ކަހަލަ މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ދުވަސްވަރެކެވެ. އެ ގޮތުން އިމާރާތުގެ ބައެއް ސަރަހައްދުތަކުގައި ގްރިލް ޖަހައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މި ކުއްޖާ ގެއްލުނީ ނުވަތަ ފިލީ، ކިހިނެއްކަން މިހާތަނަށް އައި އިރު ހޯދިފައިވާ ކަމެއް ފުލުހުން ވެސް ނުވަތަ ޖެންޑާ މިނިސްޓްރީން ވެސް ބުނެފައެއް ނުވެ އެވެ. ފުލުހުން ކުރީން ބުނެފައި ވަނީ ކަމާ ގުޅުން ހުރި ސީސީ ފުޓޭޖްތައް ވެސް ބަލައިގެން ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝައިމް، އަމާން ހިޔާގައި ބަހައްޓާފައި ހުރީ ފުލުހުންގެ އެދުމުގެ މަތީންތޯ ސުވާލު ދެންނެވެމުން، ފުލުހުންގެ މީޑިއާއިން މިއަދު ވިދާޅުވީ އެކަމަށް މިވަގުތު އަދި "ނޯ ކޮމެންޓް" ކަމަށެވެ. އެހެން ނަމަވެސް އެކަން ދޮގުކުރައްވައިފައެއް ނުވެ އެވެ.

ހިޔާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންތޯ ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ތަނުގައި އަބަދުވެސް ފުލުހުންގެ މީހަކު ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ރަސްމީކޮށް އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައި އޮންނަނީ ފުލުހުންތޯ ދެންނެވުމުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ޗެކުކޮށްލައްވާފައި ގުޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، މި ހަބަރު ޝާއިއު ކުރުމާ ހަމަޔަށް ގުޅުއްވާފައެއް ނުވެ އެވެ.