ގާސިމް އިބްރާހިމް

ކުރިއަށްއޮތް ފަސް އަހަރު ގޯހެއް ނަހަދައި، އިބޫއާއެކު ސާބިތުކަންމަތީ ތިބުމަށް އެދެން: ގާސިމް

1

ކުރިއަށްއޮތް ފަސް އަހަރު ގޯހެއް ނަހަދައި، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއެކު ސާބިތުކަންމަތީ ތިބުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ކިބައިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އިންތިހާބުކުރުމަށް ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލީޑަރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ގާސިމް ވިދާޅުވީ ކޯލިޝަންގައި އެމްޑީޕީއަށް ފަހު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމްހޫރީ ޕާޓީ ކަމަށާއި އެހެންކަމުން އެ ޕާޓީގެ މަސްއޫލިއްޔަތު ވެސް ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި މި ސަރުކާރު ފަސްއަހަރަށް އޮމާންކަމާ އެކީގައި މިކުރާ ފަހި ދަތުރުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކީގައި ތިބެން ޖެހޭނެކަމަށް އަޅުގަނޑު ދަންނަވާލަން ހުރިހާ ބޭފުޅުން ވެސް އެ ވިސްނުންފުޅު ގެންގުޅުއްވާ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރެއް އަފައްދާފައި އެ ސަރުކާރަކާއެކު ކުރިއަށްދިއުމުގެ މުހިންމުކަން ވޭތުވެދިޔަ ދެ ރިޔާސީ ދައުރުގެ ތަޖުރިބާއިން އެނގިގެން ހިނގައްޖެ ކަމަށާއި އެހެންކަމުން ކުރިން ހެދުނު ގޯސް ދެން ހަދައިގެން ނުވާނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މި ދަތުރުގައި އެއްވެސް ހަލަބޮލިކަމެއް ގެންނާނެ ބަޔަކަށް، ޕާޓީއަކަށް ވެގެންނެއް ނުވާނެ އެއްވެސް ހާލެއްގައި. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ބޭނުންވަނީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމްގެ މާލިމީކަމުގެ ދަށުގައި މިފަށާ ފަސް އަހަރުގެ ދަތުރު ވަރަށް ބާއްޖަވެރި، އަމާން، އޮމާން ދަތުރެއްގެ ގޮތުގައި ނިންމުން،" ގާސިމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައީސްކަމަށް އިންތިހާބުކުރުމަށްޓަކައި ޖުމްހޫރީ ޕާޓީން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ގާސިމް ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ނަން އޭނާ ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟