ގައުމީ ޔުނިވަސިޓީ

ގައުމީ ޔުނިވަސިޓީގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރު ހަނިކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިލަށް އިސްލާހު ގެންނަން ހުށަހެޅީ، ޔުނިވާ ސިޓީގެ ކައުންސިލް އެކުލަވައިލުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތައް ހަނިކުރަން ކަމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ފިރުޝާން ވިދާޅުވީ، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނުން ރައީސުލް ޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ.

އެގޮތުން އެ ޔުނިވާސިޓީގެ ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރުމުގެ ބާރާއި، ޔުނިވާސިޓީ ކައުންސިލްގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން 9 މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލް ޖުމްހުރިއްޔާއަށް ލިބިގެންވާކަން މެންބަރު ފާހަގަ ކުރެއްވިއެވެ.

ފިރުޝާން ވިދާޅުވީ، މި ބިލުގައި، އުނިޔާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރުމުގެ ބާރު ޔުނިވާސިޓީގެ ކައުންސިލަށް ދިނުމަށާއި، ޔުނިވާސިޓީގެ ކައުންސިލްގެ މެންބަރުންގެ އަދަދު 13 އިން 18 އަށް އިތުރު ކުރުމަށްވެސް މި އިސްލާހުގައި ހުށަހަޅުއްވާފައިވާ ކަމަށެވެ.

ބިލުގައިވާގޮތުން، ޔުނިވާސިޓީ ކައުންސިލުގައި ހިމެނޭ 18 މެންބަރުންގެ ތެރޭގައި، މަގާމުގެ ހައިސިއްޔަތުން ބައިވެރިވާ ދެ މެންބަރުންނާއި، މަތީ ތައުލީމާބެހޭ ކަންތައްތަަކަށް ޒިންމާވާ ވަޒީރު އައްޔަން ކުރައްވާ 8 މެންބަރުންގެ އިތުރުން އިންތިހާބު ކުރެވޭ އަށް މެންބަރުން ހިމެނޭނެ އެވެ.

ފިރުޝާން ވިދާޅުވީ، ބިލުގައި ކައުންސިލް މެންބަރުން ހިމެނުމަށް ހަމަޖައްސާފައިވަ އެވަނީ ސިޔާސީ ނުފޫޒުން ކައުންސިލް އެއްކިބާކޮށް، ހަމަހަމަ އުސޫލަކުން ކައުންސިލް ބެލެންސް ކުރުމަށްކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުސްވި އަހަރު ގައުމީ ޔުނިވާސިޓީއަށް ދައުލަތުގެ ބަޖެޓުން 161 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު އެތަނުގައި 9530 ދަރިވަރުން ތައުލީމް ހަސިލް ކުރަމުން ދިޔަ ކަމަށާއި، އެ ޔުނިވާސިޓީގައި 651 މުވައްޒިފުން ވަޒީފާ އަދާކުރަމުން އަންނަ ކަމަށެވެ.