ޝަހީދާ އަބްދުﷲ ސައީދު
ރެޑްވޭވް ފިހާރައިން ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ އަންހެނުން ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރެޑްވޭވް ފިހާރައިން ވައްކަންކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ހައްޔަރުކުރި އެ ދެ އަންހެނުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރަށް ބަންދުގައި ބައިތިއްބުމަށް ނުފެންނަ ކަމަށް ނިންމައި އެ ދެ އަންހެނުންވެސް ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.
ގަލޮޅު ދަނޑު ކައިރީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ފިހާރައިން ދެ އަންހެނަކު ވައްކަންކުރި ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައި ހޮނިހިރު ދުވަހުގެ ރޭ 10:10 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރީތިވާ ސާމާނުތަކެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށާއި އެތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރެޑްވޭވް ފިހާރައިން ވައްކަންކުރި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ފިހާރަ ތެރެއިންނެވެ. އަދި ދެ އަންހެނުންވެސް ތިިބީ މޫނު ބުރުގާ އަޅައިގެންނެވެ.
ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ވެސްލިން ބޮޑީ ލޯޝަން، ހިމާލިޔާ ބްރޭންޑްގެ ފޭސްވޮޝް، ޑޯވް ޝޭމްޕޫ، ލައިފް ބޯއީ ޝަވަޖެލް، ދެ ބްރޭންޑެއްގެ ކޮލްގެޓްގެ ފުޅިީގެ އިތުރުން ރޯލޯން ހިމެނެއެވެ. ގިނަ އަދަދަކަށް މިތަކެތި ނަގާފައިވެއެވެ.