ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ރެއާލް މެޑްރިޑް ކޮޅަށް ފަސް ލަނޑު ޖަހައި ބާސެލޯނާއިން ފެންވަރު ދައްކާލައިފިއެވެ.
ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ރޭ އެޓީމު މޮޅުވީ 1-5 ގެ ނަތީޖާއަކުންނެވެ. ބާސާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީ ނެތި މެޗަށް ނިކުތްއިރުވެސް، އެޓީމުގެ ކޯޗު ވަލްވޭޑޭ ބުނެފައިވަނީ މެސީ ނެތަސް މޮޅު ވެވޭނެ ކަމަށެވެ.
ރޭގެ މެޗު ފަށައިގެން މާގިނައިރެއް ނުވެ ބާސާއިން ވަނީ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ތިރިތިރިން ނަގައިދިން ހުރަސް ފިލިޕް ކުޓީނިއޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑާއެކު ބާސާއިން މެޗު ޑޮމިނޭޓްކޮށް މޮޅަށް ކުޅެންފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 30 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކޮށްފައެވެ. މިއީ ރެއާލްގެ ޑިފެންޑަރު ރަފައޭލް ވަރާން ސުއަރޭޒް އަށް ކުރި ފައުލަކާ ގުޅިގެން ވީ.އޭ.އާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު ރެއާލް އިން ވަނީ މޮޅަށްކުޅެ، ގިނަ ހަމަލާތަކެއް އުފައްދަން ފަށާފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި މާސެލޯ ވަނީ ރެއާލް އަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ތެރެއަށް އެޓީމު އަނބުރައި ގެނެސްފައެވެ. މާސެލޯ ވަނީ ރެއާލް އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް ރެއާލްއިން އަތުލައި ހަމަލާތައް އިތުރު ކުރަން ފެށިއެވެ. އެގޮތުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ވަޒްކުއޭޒް ނަގައިދިން ހުރަސް މުޅިން ހުސްކޮށްހުރެ ބެންޒެމާ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ރެއާލް އަށް މިހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ބާސާގެ ސުއަރޭޒް މެޗުގެ 75 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ފުޅާކުރުމެވެ. މިއީ ބާސާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ސާޖީ ރޮބާޓޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސުއަރޭޒް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ބާސެލޯނާއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
އަދި އޭގެ އަށް މިނެޓުފަހުން ސުއަރޭޒް ވަނީ ތިންވަނަ ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ސުއަރޭޒް މިލަނޑު ކާމިޔާބުކުރީ ސާޖީ ރޮބާޓޯ ދިން ޕާހެއް ރެއާލްގެ ގޯލްކީޕަރު ކޯޓުއާ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ 2014 ވަނަ އަހަރު މެސީ ހެޓްރިކް ހެދިފަހުން އެލް ކްލެސިކޯއެއްގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ. އަދި ސުއަރޭޒް ވެގެންދާނީ އެލް ކްލެސިކޯއެއްގައި ހެޓްރިކް ހެދި 25 ވަނަ ކުޅުންތެރިޔާއަށެވެ.
ބާސާގެ ފަހު ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާތޫރޯ ވިޑާލްއެވެ. މިއީ ޑެމްބެލޭ ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް އަަރައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ލީގުގައި ރެއާލްކޮޅަށް އެންމެފަހުން ތިންފަހަރުވެސް ފަސްލަނޑު ކާމިޔާބުކުރި ޓީމަކީ ބާސެލޯނާއެވެ. އެއީ 2009، 2010 އަދި 2018 ގައެވެ. އަދި މިއީ 2009 ވަނަ އަހަރަށް ފަހު ލީގުގައި ޖެހިޖެހިގެން ތިން މެޗުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާއެކުއެވެ. ރެއާލް އޮތީ 14 ޕޮއިންޓާއެކު ޓޭބަލްގެ ނުވަ ވަނައިގައެވެ.