އިބްރާހިމް ޒަކީ
ބްރޯޑްކާސްޓްކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަސްކޮށްފިއެވެެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހެނދުނު 9:00 ގައި ފެށި ނަމަވެސް އަޑު އައިސްފައެއްނުވެއެވެ. ލައިވް އިން ފެނުނީ ހަމައެކަނި ވީޑިއޯއެވެ. އެހެންކަމުން މަޖިލިހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު އިންނަވައިގެން ވާހަކަފުޅުތަކެއް ދެއްކެވިތަން ފެނިގެންދިޔައެވެ. ނަމަވެސް ވިދާޅުވި ބަސްފުޅުތައް އެނގޭގޮތެއް ނުވިއެވެ. އެގޮތުގައި ކުޑަ ވަގުތުކޮޅަކު ލައިވް ހުރުމަށްފަހު ސިގުނަލް ކެނޑިގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭނުންކުރާ ބްރޯޑްކާސްޓް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ މައްސަލަ ހައްލު ކުރެވެންދެން މިއަދުގެ ޖަލްސާ ފަސް ކުރައްވާފައިވާ ކަމަށެވެ.
އަދި އެމައްސަލަ ހައްލުވީހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑިއެއް އަންގަވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ ބިލެއް ތައާރަފް ކޮށް، ތިން ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމުގެ އިތުރުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ބައެއް ރިޕޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެ އިތުރުން މިއަދުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށްދާ މަސައްކަތްތަކަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.