ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތަށް، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމަށް ތާވަލު ކޮށްފިއެވެ.
މި މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ ބޭއްވުމަށް ހަމަޖައްސައިފައިވާ ޖޭއެސްސީގެ ޖަލްސާއަށެވެ.
ފަނޑިޔާރުންގެ ފެންވަރު ބެލުމަކީ، ޖޭއެސްސީގެ ގާނޫނީ ޒިންމާއެކެވެ. ނުބަލާތާ 10 އަހަރު ވަނީ ވެފަ އެވެ.
ގާނޫނު އަސާސީގެ 285 މާއްދާގައި ބުނެފައިވަނީ، ގާނޫނޫ އަސާސީއަށް އަމަލު ކުރަން ފަށާތާ ގިނަވެގެން ދެއަހަރުގެ ތެރޭގައި ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވޭތޯ ޖޭއެސްސީން ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ 10 އަހަރު ވެދާނެ ކަމަށެވެ.
ޖޭއެސްސީން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީގެ މައްޗަށް ފާސްކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ނިންމުމުގައި ބުނެފައިވަނީ، ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި ހަމަވޭތޯ ޖޭއެސްސީން ބަލައި، މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.
މި ނިންމުން މަޖިލީހުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބަލަން ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.