އިބްރާހިމް ޒަކީ
މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ގަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލައަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލާގޮތަށް، ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީން އެގޮތަށް ނިންމީ މާފުށީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކާގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އެއްކޮށްލައިގެން ބޭއްވި މަޖިލީހުގެ ކޮމިޓީއަކަށް ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރު ކުރައްވައި މައްސަލައާބެހޭ މައުލޫމާތު އޮޅުން ފިލުއްވުމަށްފަހު މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ.
މިއަދުގެ ބައްދަލުވުމުގައި، ޖަލުގައި ހިނގައިދިޔަ މައްސަލައާ ގުޅިގެން މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ގައުމީ ސަލާމަތަށް މިވަގުތު ނުރައްކަލެއް ނެތްކަމަށް ވެސް ކޮމިޓީިން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ޖަލުގައި ހިނިގައިދިޔަ ކަންތައްތަކާ ބެހޭގޮތުން އަޅަން ޖެހޭ ކަމަށް ކޮމިޝަނާ ޖެނެރަލް ފާހަގަ ކުރެއްވި ކަންތައްތައް ރެކޮމަންޑޭޝަނެއްގެ ގޮތުގައި ސަރުކާރަށް ހުށަހެޅުމަށްވެސް ކޮމިޓީިން ވަނީ ފާސްކޮށްފައެވެ.
އެ ހުށަހެޅުން ހުށަހަޅުއްވަމުން ކޮމިޓީގެ މެންބަރު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ކޮމިޝަނާ ޖެނެރަލް ފާހަގަ ކުރައްވާފައިފާ ފިޔަވަޅުތަކުގެ ތެރެއިން ނެތް ވަސީލަތްތައް ގާއިމް ކުރުމާއި، އިތުރު މުވައްޒިފުން ހަމަޖެއްސުމުގެ އިތުރުން، ޖަލުގެ ވަށާފާރުގެ މައްސަލައާއި ޖަލުގައި ހަމަޖައްސަންޖެހޭ އިތުރު ކަންތައްތައް ހަމަޖެއްސުން ހިމެނެއެވެ.