އިބްރާހިމް ޒަކީ
މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ އިސްވެރިން ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން، ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، މިރޭ ބާއްވާ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމަކީ، ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކެއްގެ އިސް ވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންޓަރޕްރައިޒަސް ކޮމިޓީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ކުންފުނިތަކުގެ މަސްކަތާބެހޭގޮތުން ދޭން ޖެހޭ ލަފާދީ ކުންފުނިތައް ޖަވާބުދާރީ ކުރުވުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.
އެ ކޮމިޓީގެ މިރޭ އޮންނަ ބައްދަލުވުމަކީ، ކުންފުނިތަކާއެކު ބާއްވާ ފުރަތަމަ ބައްދަލުވުން ކަމުން، މިރޭ ގެ ބައްދަލުވުމުގައި ކުރިއަށްދާނީ ކުންފުނިތަކުގެ މަަސައްކަތްތައް އޮޅުން ފިލުވުމާއި ކޮމިޓީގެ މެއިންޑޭޓް ކުންފުނިތަކަށް ތައާރަފް ކުރުމުގެ އިތުރުން ކުންފުނިތަކުގެ މަސައްކަތްތަކާބެހޭގޮތުން ކޮމިޓީގެ މެންބަރުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމެވެ.
މި ކޮމިޓީގެ މުގައްރިރަކީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.