ޝަހީދާ އަބްދުﷲ ސައީދު
ގަލޮޅު ދަނޑު ކައިރީ މަޖީދީ މަގުގައި ހުރި ރެޑްވޭވް ފިހާރައިން ވައްކަންކޮށްގެން ހައްޔަރުކުރި ދެ އަންހެނުން އަތުން ރީތިވުމަށް ބޭނުންވާ ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ރެޑްވޭވް ފިހާރައިން ދެ އަންހެނަކު ވައްކަންކުރި ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައި ވަނީ ރޭ 10:10 ހާއިރު ކަމަށެވެ. އަދި އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ އަންހެނުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރީތިވާ ސާމާނުތަކެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށެވެ. އެތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރެޑްވޭވް ފިހާރައިން ވައްކަންކުރި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ފިހާރަ ތެރެއިންނެވެ. އަދި ދެ އަންހެނުންވެސް ތިިބީ މޫނު ބުރުގާ އަޅައިގެންނެވެ.
ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ވެސްލިން ބޮޑީ ލޯޝަން، ހިމާލިޔާ ބްރޭންޑްގެ ފޭސްވޮޝް، ޑޯވް ޝޭމްޕޫ، ލައިފް ބޯއީ ޝަވަޖެލް، ދެ ބްރޭންޑެއްގެ ކޮލްގެޓްގެ ފުޅިީގެ އިތުރުން ރޯލޯން ހިމެނެއެވެ. ގިނަ އަދަދަކަށް މިތަކެތި ނަގާފައިވެއެވެ.