ގއ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އޮޑެގައްލާގައި ރިސޯޓް ތަރައްގީ ކޮށްފިނަމަ ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އިން ދައްކާތީ، ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށް ނަގާފައިވާ ފަރާތަށް ބަދަލު ދިނުމަށް މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އޮޑެގައްލާ، އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ.
އެ ރަށުގެ އީއައިއޭ ބަލައި ނުގަތުމަށް ނިންމާފައިވާކަން ހާމަކޮށް އެންވަޔަރަމަންޓް ޕޮރޮޓެކްޝަން އެޖެންސީ، އިން މިއަދު ބުނިގޮތުގައި، އޮޑެގައްލާގައި ރިސޯޓް ހެދުމުގެ ކުރިން ޑީއީ ކޮންސަލްޓިންއާ ހަވާލުކޮށްގެން އީއައިއޭ ހަދާފައިވާ ކަމަށެވެ. އަދި ދޫނި ނިދަން އަރާ ރަށެއްގެ ގޮތުގައި މަޝްހޫރު އެ ރަށުގައި ރިސޯޓް ތަރައްގީ ކޮށްފިނަމަ، ރަށުގެ ވެއްޓަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެކަަމަށް ރިޕޯޓްގައިވަނީ ބުނެފައެވެ.
އޮޑެގައްލާގައި ރިސޯޓް ތަރައްގީ ކުރާ މައްސަލައިގައި އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އާންމުންގެ ކަންބޮޑުވުން އެންމެ ބޮޑަށް ގުޅިފައިވަނީ، އެ ރަށުގެ ފަޅަކީ މަސްވެރިން އެން ދެމުމަށް މަޝްހޫރު ތަނަކަށް ވާތީއެވެ. އަދި އެތަނުގައި ރިސޯޓް ތަރައްގީކޮށްފިނަމަ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ފަޅަށް ވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިސޯޓް ތަރައްގީ ކުރުމަށް އޮޑެގައްލާ ދީފައިވަނީ މަސީގެ ރައީސް އަދި އެޗްއާރުސީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އަށެވެ.
އެރަށުގައި ރިސޯޓް ތަރައްގީ ކުރުމާބެހޭގޮތުން ހުރި އާއްމުންގެ ކަންބޮޑުންތަކާ މެދު ޓޫރިޒަމް މިނިސްޓަރުވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް ނިއުުސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އޮޑެގައްލާގައި ރިސޯޓް ތަރައްގީ ކުރުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތައް ވެސް ހުރުމުން، އެ ކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އާއި އެރަށް ދޫކޮށްފައިވާ ޖަނާ ވެސް ބޭނުންވާ ކަމަށެވެ.