އެއް ފަހަރު ބޭނުންކޮށް އުކައިލެވޭ ޕްލާސްޓިކް ފެންފުޅި ރައްޔިތުންގެ މަޖިލީހުގައި ބޭނުން ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު މިގޮތަށް ނިންމެވީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީއަކާ ގުޅިގެންނެވެ.
ތިމާވެށި ރައްކާތެރި ކުރުމުގެ ވާހަކަ ދައްކަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީ ބައްދަލުވުންތަކުގައި މަޖިލިސް މެންބަރުންގެ މޭޒުކޮޅު މަތީގައި ބަހައްޓާފައި ހުންނަނީ "ސިންގަލް ޔޫސް ޕްލާސްޓިކް" ފެންފުޅީގައި ބަންދުކޮށްފައިވާ ފެންކަން ފާހަގަކޮށް، އެއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން މިހަފުތާ އިން ފެށިގެން މަޖިލީހުގެ ޖަލްސާ ކުރާ މާލަމާއި މަޖިލީހުގެ ކޮމެޓީތަކާއި މަޖިލީހުގެ އިދާރާގައި އެއްވެސް ވަރަކަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ފެންފުޅި ބޭނުން ނުކުރާ ގޮތަށް ނިންމެވުމަށް ކޮމިޓީގައި މުގައްރިރު އިއުލާން ކުރެއްވިއެވެ.