ރ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ޖޫން 21 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، އެރިސޯޓުގައި މިމީހާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 164 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ރ.މީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.