މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ

އޭސީސީގެ ރައީސާއި ބްރޯޑްކޮމްގެ ނައިބު ރައީސަށް މުސާރަދޭ މައްސަލަ މި ހަފުތާގައި މާލިއްޔަތު ކޮމެޓީއަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް ކަމުގައި މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުންނެވި އިސްމާއީލް ސޮފްވާން ވަޒީފާއަށް ނުނިކުންނެވި ނަމަވެސް، ގަވައިދުން މުސާރަ ދެމުންދާ މައްސަލަ މި ހަފުތާގެ ތެރޭގައި މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭސީސީ އާއި ބްރޯޑްކޮމްގެ މެންބަރުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ. އޭސީސީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުތައް ކުރަމުން ދިޔަ އިރު، ފާހަގަވި އެއް ކަމަކީ، އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮފީހަށް ނުނިކުންނަވާ ކަމާއި އެހެންނަމަވެސް ކޮމިޝަނުން އޭނާގެ މުސާރަ ގަވައިދުން ދެމުންދާ ކަމެވެ. އޭސީސީން ބުނީ މެންބަރެއްގެ މުސާރަ ހިފެހެއްޓޭނެ ގާނޫނީ އެއްވެސް ބާރެއް ނޯންނަ ކަމަށެވެ. އެހެންކަމުން ވަޒީފާޔަށް ނުނިކުތަސް، މުސާރަ ގަވައިދުން ދެމުންދާ ކަމަށެވެ.

ބްރޯޑްކަމް އާއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި މި މަހުގެ 13 ވަނަ ދުވަހާއި ހަމަޔަށް ހުންނެވި އިސްމާއީލް ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ ވަނީ އަށެއްކަ މަސް ވެފަ އެވެ. އެކަމަކު ކޮމިޝަނުން ދަނީ އެބޭފުޅާގެ މުސާރަ ވެސް ކޮންމެ މަހަކު ދެމުންނެވެ. ބްރޯޑްކޮމްގެ މެންބަރުން ވެސް ވިދާޅުވީ، އެ ކޮމިޝަނުގެ ކޮމިޝަނަރަކު އޮފީހަށް ކިތަންމެ ދުވަހަކު ވަޑަައިނުގަތަސް، މުސާރައިން ކެނޑޭނެ ހަމައެއް ގާނޫނުގައި ނޯންނަ ކަމަށެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، ރޮޒޭނާ އާދަމް ވިދާޅުވީ އޭސީސީ އާއި ބްރޯޑްކޮމް އިން، އެ ދެ ތަނުގެ މެންބަރުންގެ ހާޒިރީ މާދަމާގެ ނިޔަލަށް ފޮނުވަން އަންގާފައި ވާނެ ކަމަށާއި ވިސްނުމަކީ އެ މައްސަލަ މި ހަފުތާގެ ތެރޭގައި މާލިއްޔަތު ކޮމެޓީއަށް ފޮނުވުން ކަމަށެވެ.

"މުސާރައާއި އިނާޔަތް ފަދަ ކަންކަން ވީމަ އެޔަށް ގޮތެއް ނިންމޭނީ މާލިއްޔަތު ކޮމެޓީން. އެކަމަކު އަޅުގަނޑު މި މަސައްކަތް ކުރަނީ މި ހަފުތާގެ ތެރޭގައި އަޅުގަނޑުމެންގެ ރިޕޯޓު އެކުލަވާލައި އެ ކޮމެޓީއަށް ފޮނުވަން." ރޮޒޭނާ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ކަމުގައި މިހާރުވެސް ހުންނެވި ހަސަން ލުތުފީ އާއި، ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް ކަމުން މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާދެއްވުމަށް ފަހު މެންބަރު ކަމުގައި މިހާރު ހުންނެވި އިސްމާއީލް ސޮފްވާން އަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ލައްކައެއްހާ ރުފިޔާއާ ދަނީ ދެމުންނެވެ.