ޗައިނާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ބޯޑުގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިންތިހާބުކޮށްފިއެވެ.
ސައީދު އެމަގާމަށް އިންތިހާބުކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅޭގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގައެވެ. މި ފޯރަމުގައި ސައީދު ވަނީ ތަގުރީރު ކުރައްވާފައެވެ.
ބޯޑުގެ މެންބަރުކަމަށް އިންތިހާބުވުމާ ގުޅިގެން ސައީދު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އެމަގާމަށް އިންތިހާބުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މިއީ އެ ފޯރަމްގައި ދިވެއްސަކު ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި މަހުގެ 21 އިން 22 އަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ އެސްއެމްއީ ފޯރަމުގައި އެކި ގައުމުތަކުގެ މަންދޫބުން ބައިވެރިވިއެވެ. އޭގެތެރޭގައި އިގުތިސޯދީ ގޮތުން ކުރިއަރާފައިވާ އިޓަލީ އާއި ޖަޕާނާއި އެމެރިކާ ފަދަ ގައުމުތައް ހިމެނެއެވެ.
ސައީދުއަކީ ރާއްޖެއާއި ޗައިނާގެ އިގުތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރި ގިނަ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.