ބޮލީވުޑް

އައިޑީކާޑަށް އެދުމުން ދީޕިކާ ދެއްކި ރީތި މިސާލަށް ތައުރީފު އޮހެނީ

ދީޕިކާ އޭނާގެ ބައްޕައާ އެކު ބެންގަލޫރަށް ފުރުމަށް އެއާޕޯޓަށް ދިޔަ ވަގުތު ބަޔަކު ވަނީ ވީޑިއޯ ކޮށްފައެވެ.

ނަމަވެސް ދީޕިކާގެ އެއާޕޯޓު ލުކް ފޮލޯކުރަމުން ދިޔަ މީހުނަށް ފެނިގެން ދިޔައީ އެއަށްވުރެ މާ މަޖާ އަދި ނަމޫނާ މަންޒަރެކެވެ.

މީސް މީޑިއާގައި ދައުރިވަމުންދާ ވީޑިއޯގައި ފެނިގެންދަނީ ދީޕިކާ އޭނަގެ ބައްޕައާއެކު އެއާޕޯޓަށް ވަދެގެންދާތަނެވެ. ފަހަތުން އިވެނީ މީހަކު "އައިޑީ އައިޑީ" ކިޔާ އަޑެވެ. ދެން ފެނިގެން ދަނީ ދީޕިކާ ފަހަތަށް އެނބުރި "ޗާހިޔޭ؟" (ބޭނުންހޭ؟) އަހާތަނެވެ. އަދި ސެކިއުރިޓީ މީހެއް އަތަށް ދީޕިކާ އޭނާގެ ދަބަހުން އައިޑީ ކާޑު ނަގައި ދެއެވެ. އެމީހާ އައިޑީ ކާޑު ބެލުމަށްފަހު އަނބުރާ ދިނުމުން ދަބަހަށް އައިޑީ ލަމުން ދީޕިކާ އޭނާގެ ބައްޕައާއެކު އެއާޕޯޓުތެރެއަށް ވަދެގެން ދެއެވެ.

މި ވީޑިއޯ ވައިރަލް ވުމާއެކު ފޭނުން ވަނީ ދީޕިކާ ދެއްކި ނަމޫނާއަށް ތައުރީފު ކުރަން ފަށާފައެވެ. އެއްވެސް ގޮތަކަށް ގަދަ ހަދައި ފޮނި ނުދައްކައި އަދި ރުޅިވެސް ނައިސް ގަވައިދަށް ހުރުމަތްތެރިކޮށް ހިތީމަ ގިނަ ބަޔަކު ވަނީ ދީޕިކާ ދެއްކީ މިސާލެއް ކަމަށް ބުނެފައެވެ.

މިވަގުތު ދީޕިކާ މަސައްކަތް ކުރަމުން އަންނަނީ މެގްނާ ގުލްޒާރުގެ ފިލްމު "ޗަޕާކް" ގައެވެ. އެ ފިލްމަކީ އިންޑިއާގެ އެސިޑް އެޓޭކް ވިކްޓިމް އެއްގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ. އެއަށްފަހު އޭނާ ކަބީރު ޚާންގެ ފިލްމެއްގެ ޝޫޓިން އަށް އިންގްލޭންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފިލްމުގައި ދީޕިކާ އޭނާގެ ފިރިމީހާ ރަންވީރު ސިންގް ގެ އަނބިމީހާގެ ރޯލުން ފެނިގެން ދާނެއެވެ.