އަނޫރާގް ބާސޫގެ ފިލްމް އިމްލީ އުފައްދާ ވާހަކަ އިއުލާން ކުރުމާއެކުވެސް ގިނަ ބަޔަކު ވަނީ އެއަށް އިންތިޒާރު ކުރަން ފަށައިފައެވެ.
ފިލްމުގެ ލީޑް ބަތަލާގެ ބަޔަށް ފުރަތަމަ ހޮވާފައި ވަނީ ކަންގްނާ ރާނޮތު އެވެ. ނަމަވެސް ކަންގްނާ އަށް ވަގުތު ނުވުމާއެކު އޭނާ ވަނީ ފިލްމުން ވަކިވެފައެވެ. އޭގެ ފަހުން ދީޕިކާ ޕަޑުކޯން އަށް އެ ފިލްމު ހުށަހެޅި ކަމުގެ އަޑުތައް ފެތުރެން ފެށި ނަމަވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
މިހާރު މިވަނީ އެކަން ޔަގީންވެފައެވެ. އަނޫރާގް ދިން އިންޓަވިއެއްގައި ބުނި ގޮތުގައި އިމްލީގެ ޝޫޓިން ކަންގްނާ އާއެކު މިދިޔަ ނޮވެމްބަރުގައި ފަށާގޮތަށް ހަަމަޖެހިފައިވި ނަމަވެސް ފިލްމު މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ އާ ހެދި ކަންގްނާ އަށް އިމްލީ އަށް ވަގުތު ނުދެވުނީއެވެ. އެއަށް ފަހު ކަންގްނާ ފެށީ ފިލްމު ޕަންގާގެ ޝޫޓިން ކަމަށްވެސް އަނޫރާގް ވަނީ ބުނެފައެވެ. އަދި އަނޫރާގްވެސް ވަނީ ފަހުން އެހެން ފިލްމުތަކުގައި މަސްއޫލުވެފައި ކަމަށް އޭނާ ބުންޏެވެ.
އެހެން ކަމުން ދީޕިކާ ޕަޑުކޯން އަށް އިމްލީ ހުށަހަޅާފައިވާނެ ކަމަށް އަނޫރާގް ބުންޏެވެ. ނަމަވެސް ދީޕިކާގެ ފަރާތުން އަދި އާން ބަސް ލިބިފައި ނުވާކަމަށް އަނޫރާގް ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާއަށް ފިލްމުގެ ލީޑް ބަތަލާގެ ނަން ހާމަކުރެވޭނީ ހުދު ދީޕިކާގެ ފަރާތުން ޖަވާބު ލިބުމުންކަމަށް ވެސް ބުނެފައިވެއެވެ.
ދެ ބަތަލާއިންގެ މިހާރު މަސައްކަތަށް ބަލާއިރު ކަންގްނާ ގެ ފިލްމު "މެންޓަލް ހެއި ކިޔާ" ރިލީސްކުރަން ތައްޔާރުވެފައިވާއިރު ދީޕިކާ ޕަޑުކޯން ވަނީ ފިލްމު "ޗަޕާކް" ގެ ޝޫޓިން ނިންމާލައިފައެވެ.