މިނިސްޓަރު އިމްރާން އަބްދުﷲ

ކޮމެޓީއަށް ވަޑައިގަތުމަށް ނޯޓިސް ލިބުނު އިރު އިމްރާން ހުންނެވީ ޗެކިންވެފައި: ހޯމް މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިރޭ ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ލިބުނުއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ އެއާޕޯޓުގައި ޗެކިންވެވަޑައިގެންފައި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަފުސީ އަބްދުﷲ މިރޭ ވިދާޅުވީ، މަޖިލީހުގެ ކޮމެޓީއަށް ވަޑައިގަތުމަށް ނޯޓިސް ލިބިވަޑައިގެންނެވިއިރު އިމްރާން ހުންނެވީ ގދ. ތިނަދޫއަށް ވަޑައިގެންނެވުމަށް އެއާޕޯޓުގައި ކަމަށެވެ.

އަދި އެވަގުތު ޗެކިންވެވަޑައިގެންފައިވާކަމަށާއި އެއާޕޯޓަށް ވަޑައިގަތީވެސް މާފުށިން މާލެ ވަޑައިގެން، މީޑިއާއަށް ކަމާބެހޭ މައުލޫމާތު ހިއްސާކުރެއްވުމަށްފަހު ކަމަށް ވިދާޅުވިއެވެ.

ހަފްސީ ވިދާޅުވި ގޮތުގައި، މިނިސްޓަރު އިމްރާން ތިނަދޫއަށް ވަޑައިގަތީ އެރަށުގައި ބާއްވާ ސްކޫލު ކުދިންގެ އެތްލެޓިކްސް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ދައުވަތު ލިބިވަޑައިގަތުމުންނެވެ.

އަދި އެއާޕޯޓަށް ވަޑައިގަތުމުގެ ކުރިން ކޮމެޓީއަށް ވަޑައިގަންނަވަން ޖެހޭ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާކަމަށް ހަފްސީ ވިދާޅުވިއެވެ.

އިމްރާން ތިނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ހެނދުނުއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިރޭ، މިނިސްޓަރު އިމްރާން ހާޒިރު ކުރުމަށް ކޮމެޓީން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން ގައިދީން ތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި މައުލޫމާތު ސާފު ކުރުމަށެވެ.

އިމްރާންގެ އިތުރުން ދެން އެކޮމެޓީއަށް ހާޒިރު ކުރަން ނިންމެވީ، ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެވެ.

މުނާޒު ވަނީ ކޮމިޓީއަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

މިނިސްޓަރު އިމްރާނާއި މުނާޒު ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ދީފައިވަނީ މިރޭ 8:00 އަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟