ޕީޕީއެމް

ޖަލުތައް ބަލަހައްޓަން ސަރުކާރު ފެއިލްވެއްޖެ، ޖަލު ބަލަހައްޓަނީ އެކްޓިވިސްޓުން: ޕީޕީއެމް

ޝަހީދާ އަބްދުﷲ ސައީދު

ޖަލުތައް ބެލެހެއްޓުމުގައި ސަރުކާރު އޮތީ ފެއިލްވެފައި ކަމަށާއި ޖަލުތައް ބެލެހެއްޓުމުގައި މިހާރު ތިބީ ސިޔާސީ އެކްޓިވިސްޓުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ސަރުކާރު ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން މިވީ ހަތްމަސް ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ތަމްރީނުތައް ލިބިފައިވާ އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް، އެ މަގާމްތަކަށް ސިޔާސީ އެކްޓިވިސްޓުން ލާފައިވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ނިޒާމްތަކެއް ވޭތުވެ ދިޔަ ތަނުގައި ގާއިމްކޮށް، ޖަލުތަކުގެ ހިންގުމުގެ އޮނިގަނޑަށް ޕްރޮފެޝަނަލް ތަމްރީނު ލިބިފައިވާ ގާބިލު ދިވެހިން ލައި އަދި ގައިދީން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައުގެ ތެރެއަށް ގެނައުމަށް ތައުލީމާއި ތަމްރީނު ދެވޭނެ ނިޒާމްތަކެއް ގާއިމްކޮށްފައިވާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް ޖަލުތަކުގެ ހާލަތު މިހާރު ވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާކޮށް މަރާލި މަރުހޫމް އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ބަދަލުވާން ފަށާފަ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި ގައިދީންނަށް އަނިޔާވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް ލިބިފައިވާ ރިޕޯޓުތަކަކީ މި ސަރުކާރުން އިންސާނީ ކަރާމާތަށް އަރައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ޒިންމާވާން ޖެހޭ ލަދުވެތި އަދި ހުތުރު އަމަލުތަކެއްކަމަށް ބަޔާނުގައި ވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ލާއިންސާނީ އަދި އިންސާނީ ކަރާމަތަށް އަރައިގަތުންފަދަ ހުތުރު ކަންކަން ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ތަހައްމަލް ކުރަން ނުޖެހޭނެ ފަދަ ގޮތަކަށް ހިންގުން ރޭވުމަށް ވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށާއި އަދި މޫނު ބަނދެ ފުރަގަހަށް ބިޑި އަޅުވާފައި އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށްފަހު މީޑިއާއަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރި ކަމަށެވެ.

އަދި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާފައިވާ ކަން ފާހަގަކުރައްވައި އިމްރާން ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. ޖަލުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ޖަލުގެ އޮފިސަރަކު މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.