މަލިކުގެ އެންމެ މުހިންމު މިސްކިތަކީ މާމިސްކިތެވެ. އެމިސްކިތުގެ އަހަންމިއްޔަތު އިތުރުވެފައިވަނީ ހަމައެކަނި މަލިކުގެ އެންމެބޮޑު މިސްކިތުގެ ޙައިޘިއްޔަތަކުން ނޫނެވެ. އަދި ކީއްތޯއެވެ. މަލިކުމީހުންގެ ދީނީ ހުރިހާ ކަމެއް ބަލަހައްޓާ އިދާރާގެވެސް ޙައިޘިއްޔަތުންނެވެ. އެއީ އެމީހުންގެ ތެރޭގައި ދީނީ ޙުކުމްތައް ހާމަކޮށްދޭ އިދާރާއެވެ. ޝަރުޢީގޮތުން ނިންމަން ބޭނުންވާ މައްސަލަތައް ނިންމާ ކޯޓެވެ. މަލިކުގެ ދީނީ ހުރިހާކަމެއް ބަލަހައްޓަވާ ކަތީބުގެ އޮފީހަކީ މާމިސްކިތުގެ ވިތުރިގެއެވެ. މަލިކު މީހުންގެ ކާވެންޏާއި ވަރީގެ ކަންތައް ބެލެހެއްޓުމާއި، މަރުވާމީހުން ވަޅުލުމުގެ މަސްއޫލިއްޔަތާއި މުދާ ބަހައިދިނުމާއި، މިބާވަތުގެ ހުރިހާކަމެއް ހިނގަމުންދަނީ މާމިސްކިތު ވިތުރިގެއިންނެވެ. ކަތީބުގެ ބެއްލެވުމުގެ ދަށުންނެވެ.
ކަތީބުގެ ދަށުގައި އޭނާއާ އެހީވާނެ މުވައްޒަފުން ތިބެއެވެ. މުދިމުންނާއި ދޭވާނީންނާއި ބަނޑޭރީންނެވެ. އިހުގައި މަލިމުންވެސް ތިބިކަމަށް ވެއެވެ. ކަތީބުގެ މުވައްޒަފުންނަށާއި ކަތީބަށްވެސް މުސާރަދެވެނީ މާމިސްކިތުގެ ބިންތަކުގެ އާމްދަނީންނެވެ. ނުވަތަ ބިންތަކުންނެވެ. ކަތީބަށް މީހަކު މައްސަލައެއް ހުށަހަޅައިފިނަމަ ދޭވާންޏަކު މެދުވެރިކުރައްވައި އެމީހަކު ޙާޟިރުކުރައްވަނީއެވެ. އިހުގައި ރާއްޖޭގެ ފަނޑިޔާރުގެއާއި ނާއިބުގޭގައި ކަންތައް ހިނގާ ބީދައިންނެވެ.
މަލިކަކީ ލިޔެވިފައިވާ ތާރީޚެއް އޮތް ރަށެއް ނޫނެވެ. މަލިކުމީހުން އެމީހުންގެ އަމިއްލަ ރާއްޖެއާ، އެއްނަސްލެއްގެ، އެއްދީނެއްގެ، އެއްބަހެއްގެ، އެއްތަހުޒީބެއްގެ، އެއްތާރީޚެއްގެ އަހުލުވެރި އަޚުން އުޚުތުންނާ ވަކިވެ ކަންނަންނޫރުގެ ދަށަށް ގޮސްފައިވަނީ ދިވެހިރާއްޖޭގައިވެސް ލިޔުމާއި ޗާޕުކުރުމުގެ ދައުރު ފެށުމުގެ އެތަކެއް ޤަރުނު ކުރިންނެވެ. މަލިކުގައި އަދިވެސް ތާރީޚުލިޔުމާއި، ތާރީޚު ހޯދާބަލައި ދިރާސާކުރުމުގެ ދައުރެއް ނާދެއެވެ. އެހެންކަމާއެކު މަލިކުގެ ކަތީބުކަމުގެ މަޤާމު ފުރައިފައިވާ މީހުންގެ ނަންތަކާއި، އެމީހުން އެމަގާމު ފުރައިފައިވާ ދުވަސްވަރާ ބެހޭގޮތުންވެސް މާތަފްޞީލު މަޢުލޫމާތުތަކެއް ލިބޭކަށެއްނެތެވެ. ތިރީގައިމިވަނީ މަލިކުގެ ކަތީބުކަން ކުރެއްވި ބޭކަލުންގެ ލިސްޓެކެވެ. މިލިސްޓު އަޅުގަނޑަށް ދެއްވީ މަލިކުގެ ކަތީބު މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީއެވެ. އަޅުގަނޑު މަލިކާ ބެހޭގޮތުން ލިޔާ ލިޔުންތަކުގައި ހިމެނޭ ވަރަށްގިނަ އަގުހުރި މަޢުލޫމާތުތަކަކީ އޭނާއާއި ފުރައްކާޑު މޫސާ އަންވަރާއި އަޅުގަނޑުގެ އެކުވެރި އެފް.ޖީ. މުޙަންމަދާއި އަތިރީގަނޑުވަރު މުޙަންމަދުމަނިކުފާނާއި ކޭ.ޖީ. މުޙަންމަދު ދެއްވި މަޢުލޫމާތުތަކެވެ. އެހެންކަމާއެކު އަޅުގަނޑުގެ ހިތުގެއަޑިން އެބޭކަލުންނަށް ޝުކުރުވެރިވަމެވެ.
1. މުދްލިޔާރު 12.5.1935 ގައި
2. އިބްރާހީމްކުއްޓި 31.1.1936 ގައި
3. މުދްލިޔާރު 3.3.1936 ގައި
4. އައުއިޑިޔައްކަލް މުޙަންމަދުމަނިކުފާނު 22.3.1936 ގައި
5. އައުއިޑިޔައްކަލް ޢަލިމަނިކުފާނު 8.11.1939 ގައި
6. ސައްޔިދު ޢަލީބިން މުޙަންމަދު ޢައްޠާސް 20.11.1939 ގައި
7. އައުއިޑިޔައްކަލް މޫސާމަނިކުފާނު 26.11.1939 ގައި
8. ސައްޔިދު ޢަލީބިން މުޙަންމަދު ޢައްޠާސް 21.5.1941 ގައި
9. މުދްލިޔާރު 25.5.1941 ގައި
10. ޢަބްދުއްރަޙްމާން ކުއްޓި (އުއްޕިއްޗަ) 20.3.1942 ގައި
11. މުދްލިޔާރު 7.4.1942 ގައި
12. ޢަބްދުއްރަޙްމާން ކުއްޓި 27.5.1942 ގައި
13. ވަލުމައުގޯތި ދޮންކޮއިފުޅު (ނައިބެއްގެގޮތުން) 10.9.1942 ގައި
14. ޢަބްދުއްރަޙްމާން ކުއްޓި 13.10.1942 ގައި
15. މުދްލިޔާރު 28.3.1943 ގައި
16. ޢަބްދުއްރަޙްމާން ކުއްޓި 16.9.1943 ގައި
17. ޕީ.ވީ. ޙަސަންކުންޏި 18.4.1946 ގައި
18. ޢަބްދުއްރަޙްމާން ކުއްޓި 19.5.1946 ގައި
19. އިޑިޔައްކަލް ދޮންމަނިކުފާނު 16.6.1946 ގައި
20. ޢުމަރުމަނިކުފާނު 16.6.1946 ގައި
21. ޢުމަރުބިންމުޙަންމަދު (ޢުމަރުމަނިކުފާނު) 12.10.1947 ގައި
22. ޢަބްދުއްރަޙްމާން ކުއްޓި 31.10.1947 ގައި
23. އިޑިޔައްކަލް ދޮންމަނިކުފާނު 16.12.1947 ގައި
24. މުދްލިޔާރު 4.1.1948 ގައި
25. އިޑިޔައްކަލް ދޮންމަނިކުފާނު 7.5.1948 ގައި
26. ފުރައްކާޑު މުޙަންމަދުމަނިކުފާނު 3.2.1951 ގައި
27. ޢަބްދުއްރަޙްމާން ކުއްޓި 16.8.1951 ގައި
28. ފުރައްކާޑު މުޙަންމަދުމަނިކުފާނު 11.1.1952 ގައި
29. ފެންގެންނަގޯތީ މައުލަވީ ޙުސައިން 13.2.1972 ގައި
30. އަތިރީގޯތީ މުޙަންމަދުމަނިކުފާނު 6.1.1977 ގައި
31. ދޮންފާންދާތަގޭ މައުލަވީ މުޙަންމަދުޢުމަރީ 2.4.1980 ގައި
32. މައުގަސްދޮށުގޯތި މައުލަވީ ޢަލީއިސްމާޢީލްޢުމަރީ 24.5.1984 ގައި
މި ލިސްޓުން ފެންނަގޮތުގައި ކަތީބުންގެ މަޤާމަށް ވަރަށް އަވަސްއަވަހަށް ބަދަލުއައިސްފައި ވެއެވެ. އަދި އެކަކު އެތަކެއްފަހަރު ކަތީބުކަމުގެ މަޤާމު ފުރައިފައި ވެއެވެ. މައުލަވީ ޢަލީ އިސްމާޢީލް ބުނުއްވާގޮތުގައި މިލިސްޓު ތަރުތީބު ކުރައްވައިފައި މިވަނީ މާމިސްކިތުގެ ރެކޯޑުތަކުގައިހުރި ކާވެނީގެ ރަޖިސްޓަރީތަކުން ބައްލަވައިގެންނެވެ. އެހެންކަމާއެކު މަޤާމުގައި ހުންމީހާ ޗުއްޓީއެއް ނެގުމުން އައުމީހަކު ޙަވާލުވެފައިވަނީ ކަމަށްވެސް ވެދާނެއެވެ. ހަމައެފަދައިން މަލިކުމީހުންގެ އިޢުތިޤާދު ހުންނަގޮތުން މަސްވެރިކަން ދެރަވެއްޖެނަމަ އޭގެސަބަބަކީ ކަތީބުގެ ކިބައިގައިހުރި ކޮންމެވެސް އުނިކަމެއްކަމުގައި ބަލައި ކަތީބު ބަދަލުކޮށްފައިވެސް އެބަހުއްޓެވެ. ހަމައެފަދައިން 1952 އާއި 1972 އާ ދެމެދުގެ ރެކޯޑުތައް ފެންނާން ނެތްކަމީވެސް ފާހަގަކުރެވޭކަމެކެވެ.
ކޮންމެއަކަސް މިލިސްޓަކީ މުސްތަޤްބަލުގައި މަލިކުގެ ތާރީޚު ލިޔާ ބަޔަކަށް އެހީއަކަށް ވާނެކަމީ ޝައްކެއްވެސް ހުރިކަމެއް ނޫނެވެ.
މަލިކުގެ މިސްކިތްތައް ބަލަހައްޓަނީ އެމިސްކިތް މިސްކިތުގެ ބޯގައާއި މިސްކިތަށް ކުރެވިފައިވާ ވަގުފުތަކާއި މިސްކިތުގައި ބަހައްޓައިފައި ހުންނަ ޚައިރާތުފޮށިތަކަށް އެކިމީހުންލާ ފައިސާއިންނެވެ. ލަކްޝަދީބު ވަގުފުބޯޑުގެ މަލިކު އޭރިޔާ ކޮމެޓީގެ ޗެއަރމަނަކީ މާމިސްކިތުގެ ކަތީބެވެ.
މަލިކަކީ މިހާރު ޣައިރުމުސްލިމުންނަށް އަޣުލަބިއްޔަތު އޮތް ޤައުމެއްގެ ދަށުގައި އޮތް ރަށެއް ކަމުގައި ވުމާއެކު މަލިކުގައި ދީނީ ޙުކުމްތައް ތަންފީޒެއް ނުކުރެވެއެވެ. ޒިނޭކުރުން، ރާބުއިން ފަދަ ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތައް ކުރާ މީހުންގެ މައްޗަކަށް ދީނީ ޙައްދުތަކެއް ނުހިންގެއެވެ. އިސްލާމީ ވެރިކަމެއްގެ ފަރާތުން ލިޔުމަކުން ހުއްދަ ލިބިފައިވާ ނިޔާވެރިއެއްނެތި ޙައްދުތައް ތަންފީޒުކުރެވެން ނޯންނާނެތީ ކަމުގައި ކަތީބު މައުލަވީ ޢަލީ އިސްމާޢީލް ބުނުއްވިއެވެ. ނަމަވެސް އިހުޒަމާނުގައި މަލިކުގައި މީހަކު ޒިނޭކޮށްފިނަމަ ވިތުރުގެއިން ސަތޭކަ އެތިފަހަރުން ތަޢުޒީރުކުރެވެއެވެ. ޒިނޭކުރުމަށްފަހު އެކަން ނާންގައި ރަށުންބޭރަށް ހިނގައްޖެނަމަ އެނބުރި އައުމަށްފަހު ގެއަށްދެވޭނީ ވިތުރިގެއިން ތަޢުޒީރުކުރެވިގެންނެވެ. އެފަދަ މީހަކު ރަށުން ބޭރަށް ގެންދިޔަ އޮޑިއެއްގެ މީހުންވެސް ފަސްފަހަރަށް ތަޢުޒީރުކުރެވެއެވެ.
މީގެއިތުރަށް ނަހަލާލަށް ދަރިޔަކު ވިހައިފިނަމަ އެކަމާގުޅޭ އަންހެންމީހާއާއި ފިރިހެންމީހާ ކަނބޯ ގޯތީގެ އިރުމަތިން މައިމަގު ކައިރީ ހުންނަ ކަނދިއަށީގައި ހެނދުނުއްސުރެ އިރުއޮއްސޭންދެން ބައިތިއްބައެވެ. އެމީހުން ވީއްލޭނީ ހަމައެކަނި ކާވަގުތުވަގުތަށެވެ. އެނޫން ވަގުތަކު ކަނދިއަށީން ނިކުމެގެން ހިނގައްޖެނަމަ ހޯދައިގެން ގެންގޮސް ބައިތިއްބައެވެ. މިގޮތުން އާދައިގެ މީހުން ބައިތިއްބަނީ ތިންދުވަހުއެވެ. ނަމަވެސް ބޮޑުން ހަދުވަސްވަންދެން ބައިތިއްބައެވެ. މިކަން ހުއްޓާލެވުނީ 28.5.1951 ގައި ކަމަށް މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބުނުއްވައެވެ.
ކޮންމެއަކަސް ޙައްދުތައް ތަންފީޒުކުރެވެމުން ނުދިޔުމާއެކުވެސް މަލިކުގައި ޒިނޭ ވަރަށްވެސް މަދެވެ. އެމީހުންގެ ދީނީ ހޭލުންތެރިކަން ކުޑަކަމާއި ދީނީ ޙައްދުތައް ނުހިންގޭ ތަނަކަށް ވުމާއެކުވެސް އެކަން އެގޮތަށް ހިފެހެއްޓިފައި އޮންނަކަމީ ތަޢުރީފު ޙައްޤު ކަމެކެވެ.
އިންޑިޔާސަރުކާރުން މަލިކުގައި ހިންގާ މަދަރުސާތަކުގައި ދީން ކިޔަވައިދިނުމެއް ނޯވެއެވެ. މަލިކުމީހުންގެ އަމިއްލަބަހުން ދީނީފޮތްތައް ލިޔެ ޗާޕުކުރުމުގެ މަގުތަކެއްވެސް ފަހިވެފައެއް ނެތެވެ. އެހެންކަމާއެކު ޒުވާނުންނަށް ދީން ނޭނގުމުގެ މައްސަލައަކީ މިހާރު މަލިކަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު މައްސަލައެވެ.
މަލިކުގައި ތިއްބަވާ މައުލަވީން ދީނީ ތަޢުލީމު ދޭ ތިން މަދަރުސާއެއް ހިންގަވައެވެ. އެތަންތާނގެ ކިޔެވުން އޮންނަ ވަގުތުގެ ގޮތުންނާއި، އެތަންތަނުން ލިބެންހުންނަ ފަސޭހަތަކުގެ މަދުކަމާއި ބެލެނިވެރީންގެ ފަރުވާކުޑަކަމާ މިފަދަ ސަބަބުތަކާހުރެ ނިކުންނަންވީ ނުވަތަ ނިކުތުން އެދެވޭ ނަތީޖާއެއް ނިކުންނަމުންނެއް ނުދެއެވެ. އެހެންކަމާއެކު، މަލިކުގެ ދީނީ މުސްތަޤްބަލު ވަރަށް ބަނަކަމުގައި ހިތާމަޔާއެކު ފާހަގަކުރަންޖެހެއެވެ.
އަޅުގަނޑާއި އަޅުގަނޑުގެ އަޚް ޢަބްދުﷲ ޞާދިޤާ ދެމީހުން މަލިކުދަތުރު ނިންމައިފައި މާލެ އައުމުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަޅުގަނޑުމެންނާ ބައްދަލުކުރެއްވިއެވެ. އަޅުގަނޑުމެން އެމަނިކުފާނަށް ދެންނެވި ވާހަކަތަކުގެ ތެރޭގައި، މަލިކުގެ ދީނީ ޙާލަތުގެ ވާހަކަވެސް ދެންނެވީމުއެވެ. އެހެންކަމުން އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދީނުގެމަގުގެ ވިހި ކޮޕީ ކޮންމެ ހަފުތާއަކުވެސް މަލިކަށް ފޮނުއްވާގޮތަށް ހަމަޖެއްސެވިއެވެ. އެކަން ޙަވާލުކުރެއްވީ އަޅުގަނޑުގެ ބެލުމުގެދަށުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކަން ކުރާގޮތަށެވެ. 1993 ނޮވެމްބަރުގައި އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމަށް ބަދަލުވިފަހުންވެސް ދުވަސްކޮޅަކު އެކަން ހިނގިއެވެ.
ތެދުފުޅެކެވެ. މާތްވެގެންވާ އިސްލާމްދީނަކީ މާތް ﷲ ގެ ނޫރުފުޅެކެވެ. ކާފަރުން އެދެނީ އެމީހުންގެ އަނގަތަކުން ފުމެ އެނޫރުފުޅު ނިއްވައިލުމަށެވެ. ނަމަވެސް އެމީހުން ނުރުހުނުކަމުގައިވިޔަސް މާތް ﷲ އެނޫރުފުޅު ފުރިހަމަ ކުރައްވާނެއެވެ. މިއީ އަޅުގަނޑުމެންގެ އީމާނެވެ. އަޅުގަނޑުމެންގެ ހިތުގައި އުންމީދު އުފައްދައިދޭ ސިއްރެވެ.
(ނުނިމޭ)