މިނިސްޓަރު އިމްރާން އަބްދުﷲ

ގައިދީންގެ ބޯ ހުރީ ވަރަށް ތުނިކޮށް ކޮށައިފަ، އެކަންކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: މިނިސްޓަރު

އިބްރާހިމް ޒަކީ

މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގައި، ގައިދީންތަކެއްގެ، ބޯ ބޭލިކަމަށް ހަބަރުތައް ފެރުތިފައިވީނަމަވެސް، އެ ގައިދީންތަކުގެ ބޯހުރި ބާލާފައިނޫން ކަމަށާއި ބޯހުރީ ތުނިކޮށް ކޮށާފައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާލުވެއްޖެ އެވެ.

ޖަލުގައި ހިނގާދިޔަ ކަންތައްތަކާބެހޭ މައުލޫމާތު އޮޅުން ފިލުއްވުމަށް މިއަދު މާފުށީ ޖަލަށް ވަޑައިގެންނެވުމަށްފަހު، މާލެއަށް ވަޑައިގެން ނޫސްވެެރީންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، އެފަދަ އެމެޖެންސީ ކަންކަމުގައި، ބަސްނަހާ ގައިދީންގެ ބޯ ބޭލުމަކީ ކުރީއްސުރެ ޖަލުގައި ކަންތައްކުރަމުން އައި ގޮތެއް ކަމަށެވެ. ބުރާސްފަތި ދުވަހުގެ ހާދިސާ އާ ގުޅިގެން ގައިދީންގެ ބޯހުރީ ޓްރިމަރަކުން ތުނިކޮށް ކޮށާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ގަބޫލު ކުރެވޭކަމެއް ނޫންކަމަށެވެ. އެ ފޯސް އެގޮތުގައި ބޭނުންކުރަން ނުޖުހޭ ކަމަށާއި، ގައިދީންނާ ދޭތެރޭ އެގޮތަށް ކަންތައްކުރަން އެންގި ފަރާތާއި އެގޮތަށް ކަންތައްކުރި ފަރާތްތަކާާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ޖަލުގެ ސިސްޓަމްގެ މައްސަލައަކީ އެތައް އަހަރެއް ވަންދެެން ހައްލެއް ނައިސް އޮތްކަމެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރެއްވުމުގެ މަސައްކަތުގައި ދެމި ހުުންނަވާނެ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.