މިނިސްޓަރު އިމްރާން އަބްދުﷲ

ހަ ގައިދީއަކަށް އަނިޔާވި، އެކަށީގެންވާ ފަރުވާއެއް ނުދޭ: މިނިސްޓަރު އިމްރާން

ޝަހީދާ އަބްދުﷲ ސައީދު

މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ދީފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ޖަލުގައި ހިންގި ހަމަނުޖެހުންތަކަށް ފަހު ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް މިއަދު މާފުށީ ޖަލަށް ވަޑައިގަތުމަށްފަހު، މާލެ ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށެވެ. އޭގެ ފަހުން ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރިކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ހަ ގައިދިއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި ގައިދީންނަށް އެކަށީގެންވާ ފަރުވާވެސް ނުދޭކަން ފާހަގަކުރެއްވުނު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުންކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި ބިޑި އަޅުވަންޖެހޭ މިނަށްވުރެ ބާރަށް ބިޑި އެޅުވުމާއި ހާލަތާ ނުބައްދަލު މިންވަރަށް ޕެޕާސްޕްރޭ ޖެހުންވެސް ހިމެނޭ ކަމަށެވެ.

އަދި ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ވަރަށް ތުނިކޮށް ކޮށާފައިވާ ކަމަށާއި އެފަދަ ކަމެއް ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން އެމައްސަލަ ވަގުތުން ބަލަމުން އަންނައިރު މިއަދު ވަނީ ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފައެވެ. އިމްރާން ވިދާޅުވީ އެމައްސަލަ ބަލައި ނިމެންދެން އޭނާ ހުންނާނީ ސަސްޕެންޑްގައި ކަމަށެވެ.