އިބްރާހިމް ޒަކީ
މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ގައިދީން ތަކަކަށް އަނިޔާކުރި މައްސަލަ ބަލައި ނިމެންދެން، ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ޖަލުގައި ހިނގާދިޔަ ކަންތަކާ ގުޅިގެން މިއަދު ޖަލަށް ވަޑައިގެން އެކަންތައްތަކާބެހޭ މައުލޫމާތު އޮޅުން ފިލުއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން، އެވަގުތުން ފެށިގެން އެކަންތައްތައް ބަލައި ތަހުގީގު ކުރުމަށް ހޯމް މިނިސްޓްރީގެ އިންސްޕެކްޓާ ޖެނެރަލް އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޖަލުގައި އެހާދިސާ ހިނގީ ގައިދީއަކު އޮފިސަރަކަށް އަނިޔާކުރުމުގެ ސަބަބުން ކަމުގައިވީނަމަވެސް އެ ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުން ހިފަންޖެހޭވަރަށްވުރެ ބޮޑަށް، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ އިމެޖެންސީ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަން ކޮންޓްރޯލް ކުރުމަށް ހަވާލުކުރަންޖެހެނީ، އިމަޖެންސީ ސަޕޯޓް ގްރޫޕު (އޭއެސްޖީ) އާ ކަމަށެވެ. އަދި އެ ހާލަތު ނިމެންދެން އޮޕަރޭޝަންގައި އިސްކޮށް ހުންނަވަން ޖެހެނީ، އީއެސްޖީގެ ކޮމާންޑަރު ކަމަށްވާތީވެ މައްސަލަ ބަލާ ނިމެންދެން އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޖަލުގެ ގަވައިދު އޮންނަ ގޮތުން އެމެޖެންސީ އެއްވެސްކަމެއް ހިނގައިފިނަމަ، ކަރެކްޝަންގެ އީއެސްްޖީ ގްރޫޕުން، (އިމަޖެންސީ ސަޕޯޓް ގްރޫޕު)ން އެ ވަގުތުން ފެށިގެން ޖެހޭ އެ މައްސަލައެއް ޓޭކްއޯވަކުރަން. އެހެންވީމާ އެ ހާލަތު ކޮންޓްރޯލް ކުރުމަށްފަހުގައި ދެން މިޖެހެނީ، ޑިރެކްޓަރާ އޮޕަރޭޝަން ހަވާލު ކުރަންޖެހެނީ. އެހެންވީމާ އިމަޖެންސީ އިއުލާންކުރުމުން ފެށިގެން، އެހާލަތު ނިމެންދެން އޮޕަރޭޝަންގައި އިސްކޮށް ހުންނަވަން ޖެހެނީ، އީއެސްޖީގެ ކޮމާންޑަރު ކަމަށްވާތީވެ މައްސަލަ ބަލާ ނިމެންދެން އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރުމަށް އަޅުގަނޑު މިއައީ ކަރެކްޝަންގެ ސީޕީއަަށް އަންގައިފަ. މިހާރު އެކަން އެގޮތަށް ކުރިއަށްދާނެ،" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މި ހާދިސާގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ފިޔަވަޅުއަޅަންޖެހޭ ފަރާތްތައް އެނގޭނީ މި މައްސަލަ ރަނަގަޅަށް ތަހުގީގު ކުުރމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.