ޑރ. ހުސެއިން ރަޝީދު

ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ށ.ފޯކައިދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ފޯކައިދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރަށް ލިބިފައި ވަނީ 2017 ވަނަ އަހަރުގެ މާރޗު މަހުގައި ކަމަށެވެ.

ފޯކައިދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫއުގެ ދަށުން ފޯކައިދޫގައި ބޯ ހޯލް ހެދުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ހަވާލުކުރެވިފައި ވަނީ 30,839,208.63ރ. (ތިރީސް މިލިއަން އަށްސަތޭކަ ތިރީސް ނުވަ ހާސް ދުއިސައްތަ އަށް ރުފިޔާ ފަސްދޮޅަސް ތިން ލާރި) އަށެވެ.

އަދި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ފޯކައިދޫގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މިނިސްޓްރީން ބުނީ، ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ފޯކައިދޫގައި ފެނުގެ ނިޒާމް އިމްކުރުމުގެ އިތުރުން ބ.ދަރަވަންދޫ، ރ.މަޑުއްވަރީ، އަދި ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭ ފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ.

އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާ، ދާއިރާއާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި އެދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ.

މުޅި މަޝްރޫއަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ދިވެހި ސަރުކާރަށް ލިބިފައިވާކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.