ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ މި ބާއްވަނީ ކ. މާފުށީ ޖަލުގެ ކަންކަން ގޯސްވެފައިވާ މައްސަލައިގަ އެވެ. އެ ޖަލުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި ހަމަނުޖެހުމެއްގައި ބައެއް ގައިދީންނާއި ޖަލު އޮފިސަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ފަރުވާ ދިނުމަށް ޓަކައި ޖަލު އޮފިޝަލަކު ވަނީ މާލެއަށް ވެސް ގެންނާން ޖެހިފަ އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ މާފުށީ ޖަލުގެ ހާދިސާއާ ގުޅިގެން ބާއްވާ ގައުމީ ސަލާމަތު ކޮމެޓީ އޮންނާނީ މިއަދު މެންދުރު 2:00ގައި ކަމަށެވެ.
އޭގެ ފަހުން ރޭ ވެސް މާފުށީ ޖަލުގައި ގައިދީން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އިހުތިޖާޖުގެ ހަބަރު ރިޕޯޓުކުރުމަށް ޓަކައި، އެކަން ޔަގީން ކުރުމަށް ކަރެކްޝަނަށް އަދި ހޯމް މިނިސްޓްރީ އަށް ވެސް މީޑިއާތަކުން ގުޅުމުން އެކަން ފުރަތަމަ ވަނީ ޔަގީންކޮށްނުދީފަ އެވެ. ކަރެކްޝަނަލް ސާވިސެސް އިން އޭރު ބުނީ އެފަދަ ކަމެއް މާފުށީ ޖަލުގައި ހިނގާފައި ނުވާ ކަމަށާއި އާންމުކޮށްގެން އުޅެނީ ކުރީގެ ވީޑިއޯއެއް ކަމަށެވެ. ކަރެކްޝަނުން އެހެން ބުނެފައިވަނިކޮށް، ޖަލުގެ ގައިދީން ވަނީ ތާރީޚާއި ގަޑި އެނގޭ ގޮތަށް އިތުރު ވީޑިއޯއެއް އާންމުކޮށްފަ އެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެންފަ އެވެ.