މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހެދުމަށް ކޮންސަލްޓެންޓެއް ހޯދަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހެދުމަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން އެމަސައްކަތް ނަގާ ކުންފުންޏަކުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރު ތަރައްގީ ކުރަން ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމާއި ސްކޯޕިން މަސައްކަތް ކުރުމުގެ އިތުރުން ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރަންޖެހޭނެ އެވެ.

އަދި ސަރުކާރުން ބާރު އަޅާނީ ބޭރުގެ ފަރާތްތަކުން ދިވެހި ފާމުތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށާ އެފަދަ ޕްރޮޕޯސަލްތައް ވަޒަން ކުރުމުގައި އެކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީގެ މަސައްކަތް ކުރާނެ ފާމެއް ހޮވާނީ ޕްރޮޕޯސަލުގެ އަގާއި ފެންވަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޕްރޮޕޯސަލް ވަޒަން ކުރުމުގައި ރާއްޖޭގެ ކުންފުނިތަކާއި ބޭރު ކުންފުނިތައް ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާނަމަ އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ 21 ގެ ނިޔަލަށެވެ.

ލިޔުމަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓްރީ ކޮށްދިނުމަށް ހަމަޖެހހިފަިއވާއިރު، މަސައްކަތާބެހޭ ލިޔެކިޔުންތައް، ސޮފްޓް ކޮޕީ ފޯމެޓުގައި ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.