އިބްރާހިމް ޒަކީ
މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގެ ގައިދީންތަކަކަށް އަނިޔާކުރި މައްސަތަކަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލަށް ވަޑައިގެންފިއެވެ. ހޯމް މިނިސްޓްރީން ބުނީ މިނސްޓަރު އިމްރާން އަބުދުﷲ މިއަދު މާފުށީ ޖަލަށް ވަޑައިގެން ޖަލުގައި އެހާދިސާ ހިނގާދިޔަ ގޮތުގެ މައުލުމާތު އޮޅުން ފިލުއްވެވި ކަމަށެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މިނިސްޓަރު އިމްރާން މިއަދު ހެނދުނު މާފުށީ ޖަލަށް ވަޑައިގެންނެވީ، މާފުށި ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވައި ހާލަތު ދެނެގަތުމަށް ކަމަށެވެ.
މިނިސްޓަރުގެމި ޒިޔާރަތުގައި، ޖަލުގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މި ހާދިސާއަށް ފަހު، އެ ޖަލުގައި ކަންކަން މިހާރު އޮތް ހާލަތާއި އެކަން ހިނގާދިޔަގޮތް މިނިސްޓަރު ތަފްސީލުކޮށް އޮޅުން ފިލުއްވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުންޏެވެ.
މިނިސްޓަރުގެ އަރިހުގައި، ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން، މިނިސްޓްރީގެ އިސްވެރިން ޖަލަށް ވަޑައިގެންނެވިއެވެ.
މިނިސްޓަރު ޖަލަށް ވަޑައިގެންފައިވާއިރު، މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި، ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައި ނުގަންނަ އަދި އެކަން ކުށްވެރިކުރާ ކަންކަން ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތިދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވި ކަމުގެ ހަބަރު ލިބުމާއެކު، އެރޭ ވަގުތުން ހޯމް މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސެސް އާއި އިންސްޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.