ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުން މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.
ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން މާދަމާ ހުކުމް ކުރުމަށް ތާވަލު ކޮށްފައިވާ މެންބަރުންނަކީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
އެ ހަތަރު މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ވަނީ މިމަހުގެ ފެށުންކޮޅު ކުރިއަށް ގެންގޮސްފައެވެ. އަދި އެ މެމްބަރުންނަށް ހުކުމް އިއްވުން އޮންނާނީ މާދަމާ ހެނދުނެވެ. ހުކުމް އިއްވުން ކުރިއަށް ގެންދާނީ ވަކިވަކީން ބާއްވާ މަޖިލިސްތަކެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެފައިވާނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުން ކަނޑައެޅުމާ ގުޅިގެންނެވެ.