މިނިސްޓްރީ އޮފް ކޮމިނިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާފިއީ އިސްތިއުފާދެއްވައިފި

މިނިސްޓްރީ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ އިސްތިއުފާދެއްވައިފިއެވެ.

ޝާފިއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ހައްލެއް ލިބިފައިނުވާތީ ކަމަށެވެ.

އެ މައްސަލައަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތްކުރި ކުންފުނީގެ ސޮފްޓްވެއާ ސަރުކާރުން ބޭނުންކުރަން އުޅޭ މައްސަލައެވެ. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެ ކުންފުނީގެ ސޮފްޓްވެއާ ބޭނުންކުރަން ސަރުކާރުން އުޅެނީ ކީއްވެގެންތޯ ޝާފިއީ ވަނީ ސުވާލު އުފައްދަވައިފައެވެ.

ޝާފިއީ ވިދާޅުވީ އެކަން އޭނާ ފާހަގަކޮށްފައިވާނެ ކަމަށާއި އެކަން ފޮރުވަން މަސައްކަތްކުރާ ނަމަ، މުސާރަ ނަގައިގެން މަގާމުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮމްޕިއުޓާ ސައިންސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޝާފިއީ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.