މުހައްމަދު އައުޒަމް
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަަމަށް ކަނޑައަޅަން ކޮމެޓީން ނިންމި ރިޕޯޓު ފާސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެކަމަށް ކަނޑައެޅި ކޮމެޓީގެ އިއްތިފާގުން ނޮވެމްބަރު 17 ގައި ހުވާކުރަން ފާސްކުރީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރިޔާސީ ދައުރު ފެށޭ ދުވަހަކީ 17 ނޮވެމްބަރު 2013 ކަމަށް ކަނޑައަޅައި އޭރު ހުންނެވި އުއްތަމަ ފަނޑިޔާރާއި އޭރުގެ މަޖިލީސް ރައީސް ސޮއިކުރައްވާފައިވާ ލިޔުމެއް މަޖިލީހުގެ އިދާރާގައި އޮތުމުން ކަމަށެވެ.
ރައީސް ޔާމީންގެ ރިޔާސީ ދައުރު 17 ނޮވެމްބަރު 2013 ގައި ފެށޭ ކަމަށް ސާފު އިބާރާތުން ލިޔެފައިވާ ލިޔުމެއް އޮތުމުން، ހުވާކުރާ ދުވަސް ކަނޑައެޅުމާ ގުޅޭގޮތުން އިތުރަށް ބަހުސްކުރައްވަން ބޭނުންފުޅުނުވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އެ މައްސަލަ ކޮމެޓީއަކަށް ފޮނުވަން ފާސްކުރީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައެވެ.
މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރުމުގެ ކުރިން އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދިޔައީ އިބޫ ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް ފެށުނީއްސުރެ ޕީޕީއެމް އިން ބުނަމުން އައީ އިބޫ ހުވާކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 17 ގައި ކަމަށެވެ.