ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ހިންގާ މަޝްރޫއެއްގެ ނަމުގައި އެކި މީހުންނަށް ފައިސާ ހޯދަން ގުޅާކަމުގެ ޝަކުވާތަކެއް އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބައެއް ފަރާތްތަކުން ގުޅާ ޕީއެސްއެމްއާއި އެފަރާތަކާ ގުޅިގެން ހިންގާ ހަރަކާތެއްގެ ތެރެއިން އިނާމެއް ހަމަޖެހެން އޮތް ވާހަކައާއި އެ އިނާމު ޔަގީންކުރުމަށްޓަކައި ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރަން ބުނެ، އޮޅުވާލައިގެން މަކަރާއި ހީލަތުން އާންމު ފަރުދުންގެ އަތުން ފައިސާ އަތުލަން މަސައްކަތްކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އާންމު ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް އެގޮތަށް ގުޅާނަމަ އެއީ ޕީއެސްއެމްގެ އަގުވައްޓާލައި ބަދުނާމުކުރަން ކުރާކަމެއް ކަމުގައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ޕީއެސްއެމް އިން އެގޮތަށް ނުގުޅާނެ ކަމަށް ދައުލަތުގެ މީޑިއާ އިން ބުންޏެވެ.
ޕީއެސްއެމްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދަ ކޯލުތަކަށް އާންމުން އިޖާބަ ނުދިނުމަށް ނަސޭހަތްތެރިވާ ކަމަށެވެ.